ޚަބަރު

ކޮވިޑް-19: ހދ އަތޮޅުން ނެގި ހުރިހާ ސާމްޕަލެއް ނައްސި ވެއްޖެ

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ހދ. އަތޮޅުން ނެގި ހުރިހާ ސާމްޕަލެއްވެސް ނައްސިވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ކޮވިޑަށް ޓެސްޓްކުރުމަށް ހދ އަތޮޅުން 29 ސާމްޕަލެއް މިހާތަނަށް ނެގި ކަމަށެވެ.

އެއީ އިހަވަންދޫ، ކާވިޔާ ބޯޓުން ވައިކަރަދޫއަށް ދަތުރުކުރު ފަރާތްތަކާއި ށ ނަރުދޫ، އަމާޒު ބޯޓުން ކުޅުދުއްފުއްޓަށާއި ހިރިމަރަދޫއަށް އަދި ކުމުންދޫއަށް ދަތުރުކުރި ފަރާތްތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވި ގޮތުގައި ވައިކަރަދޫއިން ސާމްޕަލް ނެގި 23 މީހުންނަކީ ހއ. އިހަވަންދޫ "ކާވިޔާ" ބޯޓުން ވައިކަރަދޫއަށް ދަތުރުކުރި މީހުނެވެ. އެ ބޯޓުން ދަތުރުކުރި މީހަކު، ހއ. އުލިގަމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ.

ދާއޫދު ވިދާޅުވީ ކުޅުދުއްފުއްޓާއި ހިރިމަރަދޫ އަދި ކުމުންދޫއިން ސާމްޕަލް ނެގީ، ށ. ނަރުދޫ "އަމާޒު" ބޯޓުން ދަތުރުކުރި ބައެއްގެ ކަމަށެވެ.

ދާއޫދު ވިދާޅުވީ ފައްސިވި މީހަކު ނުފެނުމަކީ އަދި ބަލި ނެތުނީކަމުގައި ބަލަންވީކަމެއް ނޫން ކަމަށާއި އުންމީދަކީ އަދި ދުޢާއަކީވެސް ބަލި ނެތިގެން ދިޔުންކަމަށެވެ. ސަބަބުތަކުގައި ހިފައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު މި ބަލިމަޑުކަމުން ސަލާމަތްވޭތޯ އެންމެ ގަދައަޅައި މަސައްކަތްކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އަމާޒު ބޯޓު ވަނީ ނ. ށ. އަދި ހއ. ގެ 13 ރަށަކަށް ދަތުރުކޮށްފަ އެވެ. އެ ރަށްތައް މޮނީޓަރިންއަށް ލާފައިވާއިރު 100 އެއްހާ މީހުންގެ ސާމްޕަލް ވަނީ ނަގާފަ އެވެ. ބައެއް މީހުންގެ ނަތީޖާ ނެގެޓިވްވެފައިވާއިރު އަދި ނަތީޖާ ނުލިބޭ މީހުން އެބަ ތިއްބެވެ. އަމާޒު ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހައި ރިސްކު 35 މީހުން އެބަ ތިއްބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!