މިދިޔަ އަހަރު ޝާހިދުގެ ދަތުރުތަކަށް 2.8 މިލިއަން ރުފިޔާ ހަރަދުވި
މި ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފުރަތަމަ އަހަރުގެ ދަތުރުތަކަށް ޚަރަދު ކުރީ 2.8 މިލިއަން ރުފިޔާ ކަމަށާއި އެ ދަތުރުތަކުގައު ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުނު ދުވަހުގެ ނިޔަލަށް ޝާހިދު ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި، ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލް ހޯދުމަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން އާންމު ރައްޔިތަކު ހުށަހެޅުމުން އެ މައުލޫމާތު މިނިސްޓްރީއިން ވަނީ އާންމުކޮށްފަ އެވެ.
ނޮވެންބަރު 17، 2018 މިދިއަ ޑިސެމްބަރު 31 އަށް މިނިސްޓަރު ޝާހިދު ރަސްމީ ދެ ދަތުރުފުޅެއް ކުރައްވާފައިވާއިރު، މި ދެ ދަތުރުފުޅުގެ ޖުމްލަ ޚަރަދެއް ގޮތުގައި ހިނގާފައިވަނީ 194،590.40ރުފިޔާ އެވެ.
އަދި 2019 ވަނަ އަހަރު ޖެނުއަރީ 1 އިން 2019 ނޮވެމްބަރު 17 އަށް މިނިސްޓަރު ޝާހިދު ކުރެއްވި 18 ދަތުރުފުޅަކަށް ޖުމްލަ 2،646،289.1 ރުފިޔާ ޚަރަދުވެފައި ވެއެވެ. އެހެންކަމުން މި ސަރުކާރުގެ ވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވި އެއް އަހަރު ތެރޭ ޝާހިދު ކުރައްވާފައިވާ 20 ދަތުރުފުޅަކަށް ޚަރަދުވެފައިވަނީ 2،840،879.54 ރުފިޔާ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޝާހިދުގެ ދަތުރުފުޅުތަކަކީ އެކިއެކި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލުކުރެއްވުމަށް އެގައުމުތަކަށް ކުރެއްވި ބައިލޭޓަރަލް ދަތުރުފުޅުތަކަކާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ ހައިލެވެލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބައެއް ގައުމުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކެކެވެ.
މިނިސްްޓްރީން ބުނީ ޝާހިދުގެ ދަތުރުފުޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައާއި ރާއްޖެއާއި އޮންނަ ގުޅުން ބަދަހިވެ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް މަގާމެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ހެޔޮއެދޭ ބައެއް ގައުމުތަކުން، 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފައިވާކަން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.