އިތުރު ދިވެއްސަކު ކޮވިޑަށް ފައްސި ވެއްޖެ
އިތުރު ދިވެއްސަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
މި މީހާއާއެކު ރާއްޖެއިން މިއަދު އެކަނިވެސް މިހާރު ވަނީ 28 މީހަކު މި ބައްޔަށް ފައްސި ވެފައެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 278 އަށް އަރާފައެވެ.
މި ބައްޔަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 126 ދިވެހިންނާއި، 152 ބިދޭސީންނެވެ. މީގެތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިއަދު ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ.
މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ލޮކްޑައުން އިއުލާންކުރީ، މި މަހުގެ 15 ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ފައްސިވުމާ ގުޅިގެންނެވެ. އެ ކޭސް އަށްފަހު ކޮންމެ ދުވަހަކުވެސް މާލެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.