ކޮވިޑް19 ޖެހިގެން ރާއްޖެއިން 83 އަހަރުގެ އަންހެނެއް ނިޔާވެއްޖެކަން ސަރުކާރުން ކަށަވަރުކޮށްދީފި
ކޮވިޑް19 ޖެހިގެން ރާއްޖެއިން މީހަކު ނިޔާވެއްޖެކަން ސަރުކާރުން ހާމަކޮށްފިއެވެ. މިއީ ރާއްޖެއިން ކޮވިޑް19 ޖެހިގެން ނިޔާވި ފުރަތަމަ މީހާއެވެ. ނިޔާވެފައިވަނީ 83 އަހަރުގެ އަންހެނެކެވެ. މި މީހާ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ރާއްޖެއިން ކޮވިޑް19 ޖެހިގެން މީހަކު ފުރަތަމަ ފަހަރަށް ނިޔާވި ކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށް ދާ އެންއީއޯސީ ގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ އައިމިނަތު އާދަމްއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ނިޔާވި މީހާ އަކީ ކޭސް ނަންބަރު 126 އާ ގުޅުން ހުރި މީހެއް ކަމަށެވެ. އެގޮތުން ބައްޔަށް ޝައްކުވެ މި މީހާ ގެ ސާމްޕަލް ނަގާފައިވަނީ 27 ވަނަ ދުވަހުގެ ރޭ ދަންވަރުގައެވެ. ސާމްޕަލް ގެ ނަތީޖާ ލިބުނު އިރު މި މީހާ ނިޔާވެފައިވާ ކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ހަވީރު ނޭވާލާން އުނދަގޫވެގެން، މި މީހާ އައިޖީއެމްއެޗް އަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިވާ ކަމަށް ސަރުކާރުން ހާމަކުރެއްވިއެވެ.
ރާއްޖެއިން ކޮވިޑް19 ޖެހިގެން މަރުވި މި މީހާގެ ކަށުކަމާކެމީގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެންޑީއެފް ގެ އަންހެން ބޭކަނބަލުންނެވެ.