ޚަބަރު

އަންހެނުންނަށް ގޮނޑި ހާއްސަކުރުމުން ގައުމުގެ އާބާދީ އިތުރުވުމަށް ހުރަހެއް ކުރިމަތިވެދާނެ: ކެލާ އިބްރޭ

ދެން އެމްވީ ، ދެން އޮންލައިން

އަންހެނުންނަށް ގޮނޑި ހާއްސަކުރުން ކުރުން ފަދަ ކަންކަމުން ގައުމުގެ އާބާދީ އިތުރުވުމަށް ހުރަހެއް ކުރިމަތި ނުވާނެތޯ ރައްޔިންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (ކެލާ އިބުރޭ) ސުވާލު އުފައްދަވައިފިއެވެ.

މެމްބަރު ކެލާ އިބުރޭ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އޭނާ ސުވާލު އުފެއްދެވީ، ރަށު ކައުންސިލާއި ސިޓީ ކައުންސިލުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމާއި ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބު ކުރާ ގޮތަށް ހެދުމަކީ އާބާދީ އިތުރުވުމަށް އެޅޭނެ ހުރަހަކަށް ނުވާނެތޯ އެވެ.

އެ ޓްވީޓަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. ފާޑު ކިޔުންތަކާއި ގުޅިގެން މެންބަރު ވަނީ އިތުރު ޓްވީޓްތަކެއް ވެސް ކުރައްވާފަ އެވެ.

އެ ޓްވީޓްތަކުގައި އޭނާ ވިދާޅުވީ އޭނާގެ ޓްވީޓްގައި އެވަނީ އަމިއްލަ ހިޔާލެއް ކަމަށެވެ. އަދި އެ ޓްވީޓުން އެއްވެސް އަންހެން ބޭފުޅަކަށް ބުރަ ބަހެއް ރައްދުވާނަމަ އެކަމާ ދެރަވާ ކަމަށެވެ.

"އަންހެން ބޭފުޅުން ބާރުވެރި ވެގެން ނޫނީ ފަސްމީރު މުޖްތަމައުއެއް ނުލިބޭނެ ކަމީ އެއްވެސް ބޭފުޅަކު ޝައްކު ކުރާނެ ކަމެއް ނޫން." ފަހުން ކުރެއްވި ޓްވީޓެއްގައި ރާގު ބަދަލު ކުރައްވާ މެންބަރު ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމުލަ 980 ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން 384 ޖާގަ ހާއްސަކޮށްފައިވަނީ އަންހެން ކައުންސިލަރުންނަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!