ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަންނާނީ ރަޖިސްޓްރާ ކަމަށް ހަމަޖައްސައިފި
ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ދެން ބަލައިގަންނާނީ އެ ކޯޓުގެ ރަޖިސްޓްރާ ކަމުގައި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ހަމަޖައްސައިފިއެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އެ ކޯޓަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް ބަލައިގަތުމުގެ ހުއްދަ ދެނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. ނަމަވެސް އެގޮތަށް ގަވާއިދުގައި ކަނޑައަޅާފައިވާ މާއްދާ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ވަނީ ބާތިލް ކޮށްފައެވެ.
އެ މާއްދާ ބާތިލްކުރީ އެއީ ކޯޓުތަކުގެ ގާނޫނާ ޚިލާފަށް އޮތް މާއްދާއެއްކަމަށް ވާތީ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބަލައިގަންނަންވާނީ އެ ކޯޓެއްގެ ރަޖިސްޓްރާއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މައްސަލަތައް ބަލައިގަތުމާ މެދު ގޮތް ނިންމާތީ ގާނޫނީ ވަކީލުން އަންނަނީ ތަކުރާރުކޮށް އެ ކޯޓަށް ފާޑުކިޔަމުންނެވެ.