ޚަބަރު

މޭ މަހުގެ ހަތަރު ދުވަހު ބީއެމްއެލް ހިދުމަތް ދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

މޭ މަހު އިތުރު ހަތަރު ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މިކަން ހާމަކުރަމުން ބީއެމްއެލް އިން ބުނެފައިވަނީ ކަސްޓަމަރުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް މޭ މަހުގެ ހަތަރު ވަނަ ދުވަހާއި ހަ ވަނަ ދުވަސް އަދި 11 ވަނަ ދުވަހާއި 13 ވަނަ ދުވަހު، ބޭންކް ހުޅުވަން ނިންމާފައި ވާކަމަށެވެ.

މި ހަތަރު ދުވަހު، ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރު 12:00 އަށް ބީއެމްއެލް އިން ހިދުމަތް ފޯރުކޮށްދެމުންދާނެއެވެ.

މި ދުވަސްތަކުގައި ބީއެމްއެލް އިން ދޭ ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން ހިމެނެ އެވެ. އެގޮތުން ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓާ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ. ޓީޓީ ގެ ހިދުމަތް ހޯދުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected] މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެދި ހުށަހެޅޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ވެސް ބީއެމްއިލް އިން ހާމަކޮށްފައިވެއެވެ.

ހަމައެހެންމެ ބޭންކު ހުޅުވާ ހަތަރު ދުވަހުވެސް، އެއްވެސް ބްރާންޗެއްގައި ނަގުދު ފައިސާގެ މުއާމަލާތެއް ނުކުރާނެކަން ހާމަކޮށް ބީއެމްއެލްއިން ބުނެފައިވަނީ ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް އޭޓީއެމް މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!