ޚަބަރު

ރައީސް މައުމޫނާއި ރައީސް ޔާމީނަށް މަލާމާތް ރައްދުވާ ރައިވަރެއް ޓީވީއެމުން ، ޣައްސާންގެ ފާޑުކިޔުން

ދެން އެމްވީ ، ދެން އޮންލައިން

ދައުލަތުގެ މީޑިއާ ، ޓެލެވިޒަން މޯލްޑިވްސް އިން ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމާއި ރައީސް ޢަބުދުﷲ ޔާމީނަށް މަލާމާތް ރައްދުވާ ރައިވަރެއް ގެނެސްދީފިއެވެ.

ޓީވީއެމުން މިއަދު ދެއްކި ކުޑަކުދިންގެ ޕްރޮގްރާމެއްގައި ކުޑަކުއްޖެއް ލައްވާ މި ރައިވަރު ކިޔުއްވުމާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަލުން އަދި ރައީސް ޔާމީންގެ ކޮއްކޯފުޅު ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވަނީ ފާޑު ވިދާޅުވެފައެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ފުޅިއެއްގެ ތެރެއަށް ފެނާއި ތެލާ އަޅާފައި ކިތަންމެ ވަރަކަށް ތެޅުވިޔަސް ތެޅުވުން ހުއްޓާލުމާއެކު ވަކިވާނެ ކަމަށެވެ. އަދި ޤައުމު އެއްބައިވަންތަކުރަންވީ މިވަގުތު މި ފެންނަނީ ކޯލިޝަން މުގުރާލުމުގެ ޢަމަލެއްތޯ ވިދާޅުވެ ޣައްސާން ވަނީ ސުވާލު ކުރައްވާފައެވެ. އަދި ދެން ފެންނާނީ ފެނަށްވުރެ ލޭ އޮލަކަން ކަމަށް ވިދާޅުވެ ޣައްސާން ވަނީ މެސެޖެއް ވެސް ދެއްވާފައެވެ.

ޤަބޫލު ކުރެވޭ ގޮތުގައި ފެނާއި ތެޔޮ އެކު ނުވާނެ ކަމަށް ދޭހަވާ ގޮތަށް ޣައްސާން ވިދާޅުވި ވިދާޅުވުން ނިސްބަތްވަނީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއަށާއި ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!