ޚަބަރު

ކޮވިޑް ޖެހިގެން މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް: އިދިކޮޅު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އިއްޔެ ރާއްޖެއިން މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

Ads by STELCO

ކޮވިޑް ޖެހިގެން އިއްޔެގެ ވަގުތެއްގައި ނިޔާވި އުމުރުން 83 އަހަރުގެ އައިމިނަތު އާދަމް އެވެ. އޭނާ އެ ބައްޔަށް ފައްސިވި ކަން ކަށަވަރުވީ އޭނާ މަރުވި ފަހުންނެވެ. އޭނާގެ ސާމްޕަލް ނެގުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށް ބުނެ ބައެއް ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އަށް ފައްސިވި މީހަކާ، އައިމިނަތު އާދަމް ގުޅުން ހުރި ކަން އެނގޭއިރު ވެސް އޭނާ އިއްޔެއާ ހަމައަށް ގޭގައި މޮނީޓަރިންގައި ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އަދި އެ ބަލީގެ އަލާމާތެއް ފެނިގެން ޓެސްޓް ކުރުމަށް އައިމިނަތު އާދަމްގެ އާއިލާ އިން އެދުމުން ވެސް އެކަން ކުރުން ލަސްވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށާއި އެހެންވެ، އެކަމުގައި ސަރުކާރުގެ އިހުމާލު އޮތްކަން ހާމަވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުރި މީހުންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ، އެ މީހުންގެ ފަރުވާގެ ކަންކަމުގައި ފަރުވާ ކުޑަ ނުކުރަން ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ. އަދި ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ މީހުންގެ ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ލިބެންދެން މަޑުކުރުމުގެ ބަދަލުގައި ގާތުން މޮނީޓާ ކުރެވޭނެ ގޮތަކަށް އެކަންކަން އިންތިޒާމް ކުރަން ވެސް ޕީޕީއެމް/ޕީއެންސީން ގޮވައިލި އެވެ.

މީގެ އިތުރުން މަރުވި މީހާގެ އާއިލާއަށް އެ ކޯލިޝަން އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ތައުޒިޔާ ކިޔާ ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!