ޚަބަރު

ކޮވިޑް19: ނިޔާވި މީހާގެ ފިރިމީހާގެ ހާލު މިހާރު ރަނގަޅު

ކޮވިޑް. ޖެހިގެން އިއްޔެ ނިޔާވި މީހާގެ ފިރިމީހާގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކްވީ، މިމީހާއަށް މިހާރު ދަރުވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"ނިޔާވި މީހާގެ ފިރިމީހާ ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދޭ. އޭނާއަށް ނޭވާލާން އުނދަގޫވެގެން ފަރުވާ ދެވުނު. އެކަމަކު، މިހާރު އޭނާގެ ހާލު ސްޓޭބަލް." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑްގައި ނިޔާވެފައިވަނީ މާލެ އަށް ނިސްބަތްވާ އާމިނަތު އާދަމް ނަމަކަށް ކިޔާ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ ކޭސް 126 އާ ގުޅުން ހުރި ފަރާތެއް ކަމަށްވާއިރު، އެމީހާގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެމީހާގެ ނަތީޖާ ލިބުނު އިރު ވަނީ ނިޔާވެފައެވެ.

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް 396 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، އޭގެތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!