މިނިމަމް ވޭޖްގެ ރިޕޯޓް ރައީސް ސޯލިހަށް ލިބިވަޑައިގެންފި
މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖްއާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް އެ ރިޕޯޓް ހުށަހަޅުއްވާނެ ކަމަށެވެ.
މިނިމަމް ވޭޖާ ގުޅޭ ރިޕޯޓާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ސަރުކަރުން ކުރިން ވަނީ ބުނެފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.