އިންޓެގްރިޓީ ކޮމިޝަނުން މާފުށީ ޖަލަށް ގޮސްފި
ކ. މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޕްރިޒަން އޮފިސަރުން ގައިދީންނަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އެ ޖަލަށް ޒިޔާރަތްކޮށްފިއެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނު މިއަދު ވިދާޅުވީ ޖަލުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ކޮމިޝަނުން ކުރަމުންދާ ތަހުގީގަކީ ހުރިހާ ފަރާތްތަކެއްގެ ވާހަކަތަކެއް އަޑުއަހާ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަށާފައިވާ ތަހުގީގެއް ކަމަށެވެ. އެގޮތުން މި ތަޙްޤީގުގައި ކޮމިޝަންގެ މެބްރުން މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރުމުން ތަހުގީގަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޒިޔާރަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ވެސް ސުލައިމާން ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ބާރުގެ ބޭނުންކޮށް ގައިދީންނަށް އަނިޔާ ކޮށްފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ ޖަލުގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ގޯސް ހެދި މީހުން، ހޯމް މިނިސްޓަރު އިމްރާން ކައިރިކޮށް އެމީހުންނަށް ޕްރޮމޯޝަން ދިނުމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ޖަލުގެ މައްސަލަ ހައްލު ކުރެވޭނީ ގާބިލު މީހުންނާ އެތަން ހިންގަން ހަވާލުކޮށްގެން ކަމަށެވެ.
ޖަލުތަކުގެ މައްސަލަތައް ހައްލު ނުކުރެވޭތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.