ހުއްދަ ނުނަގާ ހިމަންދޫއިން ފުރަން އުޅުނު 3 މީހަކު ހައްޔަރު ކޮށްފި
ބޯޓެއްގައި އއ. ހިމަންދޫއިން ފުރަން އުޅުނު ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ރޭ 23:45 އެހާކަންހާއިރު ހިމަންދޫގެ ކޮވިޑް-19 ޓާސްކްފޯހުގެ ހުއްދައާ ނުލައި ޑިންގީއެއްގައި ރަށުން ބޭރަށް ދާން އުޅުނު ތިން ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހުން ޑިންގީއަށް އަރައިގެން ފުރިތަނާ ޓާސްކްފޯސްގެ އޮފިޝަލުން ޓޯޗުން އަލިކޮށް ހެދުމުން އެ މީހުން އަނބުރާލާފައި ސިއްރުން ރަށަށް އެރީ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ އުމުރަކީ 28 އަހަރު، 26 އަހަރު އަދި 32 އަހަރެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
Ads by Allied Insurance