ޚަބަރު

ކުޑަކުއްޖަކު ލައްވާ ސިޔާސީ ރައިވަރު ކިޔުއްވި މައްސަލައިގައި ޕީއެސްއެމް މާފަށްއެދި ފިޔަވަޅު އަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ޓީވީއެމްއިން ގެނެސްދޭ ކުޑަކުދިންގެ ޕްރޮގްރާމު "ކުޑަ މަސައްކަތެއް"ގައި ސިޔާސީ ރައިވަރެއް ކުޑަކުއްޖަކު ލައްވައި ކިޔުއްވި މައްސަލައިގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން މައާފަށް އެދި އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައިފި އެެވެ.

Ads by Sosun Fihaara

އެ ޕްރޮގްރާމުގައި އިއްޔެ ބައިވެރިވި ކުޑަ ކުއްޖަކު ލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިހުތިރާމް ކުޑަވާ ވަނަމާ އެކު ޖުމްލަ ގޮތެއްގައި ބުނަނީ އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ އަރިހުން މަކަރާއި ހީލަތް ދަސްކުރައްވައިގެން މަޖިލިސް މެމްބަރުން ގަނެގެން ކުރެއްވި ކަންތައްތަކުން ސަލާމަތްވެވެން ނެތް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޕީއެސްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަ މަސައްކަތެއް ޕްރޮގްރާމުގައި ހިމަނާފައިވާ އެ ކޮންޓެންޓަކީ އާންމު އިޖުތިމާއީ މިންގަނޑާއި، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި، ޕީއެސްއެމްގެ ބްރޯޑްކާސްޓު ކުރުމުގެ ގަވައިދާ ހިލާފު ކޮންޓެންޓެއްކަން ގަބޫލު ކުރާ ކަމަށެވެ. އެކަމަށްޓަކައި އެންމެހާ ސްޓޭކްހޯލްޑަރުންނާއި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އަދި އެކަމުގައި އިމާލުވާ ފަރާތްތައް ހޯދައި އެ މީހުންނަށް ގާނޫނާއި ގަވައިދުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމުގެ ޔަގީންކަންވެސް ދޭ ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

އެގޮތަށް ކަން ހިނގާފައި ވަނީ ކޮވިޑް-19އާ ގުޅިގެން ވީހާވެސް މަދު މުވައްޒަފުންނާއެކު ޓީވީއާއި ރޭޑިއޯގެ ޓްރާންސްމިޝަން މެދުނުކެނޑި ކުރިއަށްގެންދިޔުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި އުސޫލުތަކުގެ ބޭރުން ހިނގައިދިޔަ ކަންތައްކެއްގެ ސަބަބުން ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

ބަޔާނުގައި ބުނެފައިވަނީ ޕީއެސްއެމް ހިންގުމާއި، މިހާރުގެ މެނޭޖްމަންޓުން ހަވާލުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ، ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި ހަމަހަމަކަމާއެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށާއި، ވޭތުވެދިޔަ ކައިރި މާޒީގައި އެކި ސަބަބުތަކާހުރެ ހީނަރުވެފައިވާ ތަސައްވުރު ރަނގަޅު ކުރުމަށް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސްޓޭކްހޯލްޑަރުންނާއި އާންމުން ވެސް އެ ބަދަލު ބަލައިގެންފައިވާކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއެސްއެމްއިން ބުނީ ފާއިތުވި ތަނުގައި އެ ކުންފުނިން މަސައްކަތްކޮށްފައި ވަނީ އާންމުންގެ ގެއްލިފައިވާ އިތުބާރު ހޯދައި، ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި އެ ކުންފުންޏާ މެދު އޮތް ތަސައްވަރު ރަނގަޅުކުރުމަށް ކަމަށެވެ. ނަަމަވެސް، މިހާރު ނަމޫނާ ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި އޮތުމަށް ޕީއެސްއެމްއިން ދެކޭ ތަސައްވަރަށް ލޮޅުމެއް އައިސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްވުރެ ބޮޑުވެ ގޮންޖެހުންތައް އިތުރުވެފައިވާ ކަަމަށް ބުންޏެވެ.

"ކަން އެހެން އޮތްކަމުގައި ވިޔަސް، މިއަދުވެސް، އަދި ކުރިއަށް އޮތްތަނުގައި ވެސް ޕަބްލިކް ސާވިސް މީޑިއާއިން މަސައްކަތްކުރަމުން ގެންދާނީ ނަމޫނާ ދައުލަތުގެ މިޑިއާއެއް ގޮތުގައި އާންމުންގެ އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ އަމާޒަށެވެ." ބަޔާނުގައި ވެ އެވެ.

ކުޑަކުއްޖަކު ލައްވައި ސިޔާސީ ރައިވަރެއް ކިޔުއްވި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ޕީއެސްއެމަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!