ރިޕޯޓް

އުގައިލްގެ ޤަލަމުން: ކަމަކުން ކުރި ހޯދަން ބޭނުން ކުރެވިދާނެ އުކުޅުތަކަކީ ކޮބާ؟

ދެން އެމްވީ ، ދެން އޮންލައިން

ޖަޕާނުގެ ރައްޔިތެއްކަމަށްވާ ކޯބީ (ފުރިހަމަނަން ޓަކެރޫ ކޯބަޔާޝީ) ނަމަކަށް ކިޔާ މީހެއްގެ ވާހަކަ ތިބާ މީގެ ކުރިން އަޑު އެހިން ހެއްޔެވެ؟ މީގެ އަހަރުތަކެއް ކުރިން ކޯބީއަކީ ޖަޕާނުގެ ޔުނިވަރސިޓީއެއްގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. ކޯބީއަކީ ފަގީރު އާއިލާއަކަށް ނިސްބަތްވި މީހެއްކަމުން އޭނާ އޭރު އުޅެމުން ދިޔައީ ވަރަށްވެސް ދަތި ހާލުގަ އެވެ. ގިނަވަގުތު ކިޔެވަމުގައި މަޝްއޫލުވެ އެހެނަސް ލިބޭ ހުސްވަގުތުގައި ތަފާތު ކުދިކުދި މަސައްކަތް އޭނާ ކުރިއެވެ. މިގޮތުން، ލިބޭ މަދު ފައިސާ ކޮޅުން ދިރިއުޅޭ ތަނަށް ކުލި ދައްކާ ހެދުމަށްފަހު ހަމަ ކިރިޔާ ކައިބޮއި އުޅެވެނީ އެވެ.

Ads by STELCO

މިފަދަ ބިކަ ހާލުގައި ކޯބީ ދިރިއުޅުން ހޭދަ ކުރަމުން ދަނިކޮށް އޭނާއަށް އެއްދުވަހު ނޫހަކުން ކެއުމުގެ މުބާރާތެއްގެ އިޝްތިހާރެއް ފެނުނެވެ. މުބާރާތުގެ ގަވައިދު ބުނިގޮތުން ކެއުމުގައި ހަތަރު ބާވަތެއް ވެއެވެ. އެއީ ފެނުގައި މަޑު ކުރި އަލުވި، ބަކަރި މަސް، މޫދު ކާނާ އަދި ނޫޑުލުސް އެވެ. މިހަތަރު ބައިތަކަށްވެސް އެންމެ އަވަހަށް އިންސާފު ކުރެވޭ މީހަކަށް އިނާމެއްގެ ގޮތުން 5000 ޔޫއެސް ޑޮލަރު ހިމެނުނެވެ. ކޮންމެއަކަސް ނޫހުން މިއިޝްތިހާރު ފެނުމުގެ ކުރީގައި ވެސް ކޯބީ އަކީ ކެއުމުގެ މުބާރާތުގެ ވީޑިއޯ ތައް ކޮންމެވެސް ވަރަކަށް ބަލާ އެފަދަ މުބާރާތްތަކުގެ ބައިވެރިން ގެންގުޅޭ އުކުޅު ދިރާސާ ކޮށް އުޅުނު މީހެކެވެ. އަދި ޔުނިވަރސިޓީގައި މާއްދާއެއްގެ ގޮތުގައި ގޭމް ތިއަރީވެސް އޭނާ ކިޔެވި އެވެ.

މިސަބަބުތަކާ ހުރެ އަދި ވަކިން ހާއްސަކޮށް އޭނާ ފައިސާ ބޭނުންވެފައި ހުރިވަރު ބޮޑުކަމުން ކޯބީ މުބާރާތުގައި ބައިވެރިވި އެވެ. އަދި އެންމެ ފުރަތަމަ ވެސް އޭނާ އެހެންމީހުން ކުރީގައި ނުގެންގުޅޭ ކަހަލަ އާއުކުޅުތައް މުބާރާތުގައި ބޭނުން ކުރި އެވެ. މިގޮތުން މުބާރާތުގައި ބައިވެރިވާ ހުރިހާ މީހުން ވެސް ކެއުމުގެ ފުރަތަމަ ކޮޅު މާގިނައިން ކުއްލިއަކަށް ބައިވަރު ކާން ހަދައިގެން އެމީހުން ވަރުބަލި ވާކަން އޭނާ ފާހަގަ ކުރި އެވެ. ކޮންމެއަކަސް، މިކަންތައް ފާހަގަ ކޮށް އޭނާ މުބާރާތުގައި ގެންގުޅުނު އުކުޅަކީ ލަސްލަހުން ކަމުންގޮސް މުބާރާތް ނިންމުމަށެވެ. އަދި މިއާދައިގެ އުކުޅު ބޭނުން ކޮށްގެން ކޯބީ މުބާރާތުން އެއްވަނަ ހޯދައި 5000 ޑޮލަރުގެ އިނާމު ކާމިޔާބު ކުރި އެވެ.

މަތީގައި ބަޔާން ވެގެން ދިޔަ ވާހަކައިން ދޭހަކުރެވޭ މުހިންމު ނުކުތާ ތަކެއް ވެ އެވެ. އެއީ ކޯބީ ކެއުމުގެ މުބާރާތް ކާމިޔާބު ކުރުމަށް ވަރަށްވެސް އާދައިގެ އުކުޅެއް ބޭނުން ކުރި ކަމެވެ. ދެވަނަ ކަމަކަށް ފާހަގަ ކުރެވެނީ އޭނާއާއެކު މުބާރާތުގައި ބައިވެރިވި އެހެން ގިނަ މީހުންނަކީ ކުރީގައި އެފަދަ މުބާރާތް ތަކުގައި ބައިވެރިވެ ތަފާތު ވަނަތައް ހޯދާފައިވާ މީހުން ކަމުގައިވިއަސް އެމީހުންނަށް މުބާރާތެއްގައި ކާންޖެހޭ ގޮތްތައް މާފުރިހަމައަށް ދިރާސާ ކުރެވިފައި ނެތް ކަމެވެ.

ކޮންމެއަކަސް ކޯބީ އޭނާގެ ކެއުމުގެ ފުރަތަމަ މުބާރާތުން ހޯދި ކާމިޔާބީ އާއެކު އޭނާގެ އަޒުމު އެކަމުގައި ވަރުގަދަވެ އަދި މިރޮނގުން އިތުރު ފައިސާގެ އިނާމު ކާމިޔާބު ކުރުމުގެ އާހިތްވަރެއް އޭނާއަށް ލިބުނެވެ. މިގޮތުން އޭނާ ދުނިޔޭގެ ފެންވަރުގެ ތަފާތު ކެއުމުގެ މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ހޯދަން ފެށި އެވެ. އަދި އިސާހިތަކު ކޯބީ މިރޮނގުން ދުނިޔޭގެ މަޝްހޫރު ނަންހިނގާ މީހަކަށް ވި އެވެ.

މިހާހިސާބުން ތިބާ ހިތަށް ފަހަރެއްގައި އަރާނެއެވެ. "ހަމަ ހަގީގަތުގައިވެސް ކޯބީއަކީ ގިނައިން ކެއުމުގެ އުކުޅު އޭނާއަށް ނޭގި ނަމަވެސް ކަށީގައި ހުރި މީހެއް ބާވަ އެވެ؟" އެކަމަކު ހަގީގަތް މުޅިން ތަފާތެވެ. ހަގީގަތަކީ އޭނާ ކެއުމުގެ މުބާރާތްތަކުން މޮޅުވާން ބޭނުން ކުރި އުކުޅު ތަކުގެ މޮޅުކަމެވެ. ކޮންމެ މުބާރާތަކަށް ތައްޔާރުވުމަށް އޭނާ އެމުބާރާތަކާއި ބެހޭގޮތުން ތަފާތު ގިނަގުނަ ދިރާސާތައް ކުރި އެވެ. އެކަމާގުޅޭ ސައިންސުގެ ބޭނުން އޭނާ ފުރިހަމަ ގޮތުގައި ހިފި އެވެ. މިސާލަކަށް މުބާރާތުގެ ކުރިން އެއަށް ތައަޔާރު ވުމުގެ ގޮތުން އެތަކެއް ތައްޔާރީތައް ވެ އަދި ތަފާތު ގޮތްގޮތައް އެތަކެތި ކައި ކެއުމާ ބެހޭ ގިނަގުނަ މައުލޫމާތު އެއްކުރެ އެވެ. މިފަދަ ގިނަގުނަ ދިރާސާތަކުގެ އަލީގައި އޭނާ ކެއުމުގެ މުބާރާތްތަކުގައި ގެންގުޅެން ޖެހޭ ވައްޓަފާޅި ދަނެގަނެ އޭގެ ބޭނުން ކޮށް މުބާރާތްތަކުން ކުރި ހޯދި އެވެ. މިސާލަކަށް މުބާރާތެއްގައި އޭނާއަށް ދިމާވީ ބާރގަރ ކެއުމަށެވެ. އޭނާ މުބާރާތުގެ ބައިވެރިވި އިރު ދުނިޔޭގެ އޭރުގެ ރެކޯޑަކީ 12 މިނެޓް ތެރޭގައި 25 ބާގާ އެވެ. އެކަމަކު އޭނާ އެރެކޯޑު މުގުރާލީ ވަރަށްވެސް ބޮޑު ތަފާތަކުންނެވެ. އެއީ 12 މިނެޓް ތެރޭގައި 30 ބާގާ އެއްވެސް ނޫނެވެ. އޭނާ 12 މިނެޓް ތެރޭގައި 50 ބާގާ ކައި ނިންމި އެވެ!

މަތީގައި ބަޔާން ވެގެން ދިޔަވާހަކަ އާ ގުޅުވައިގެން ކަމެއްގައި ކުރި ހޯދުމަށް ކުރެވިދާނެ ކަންތަކަށް ބަލާއިރު ފާހަގަ ކުރެވޭ މުހިންމު ދެކަމެއް އެބައޮތެވެ.
ފުރަތަމަ ކަމަކީ ކަމެއްގައި ކުރި ހޯދަން ވިސްނާއިރު އަޅުގަނޑުމެން އެކަމާ ވިއްދައިގެން ހިތާހިތުން ކުރެވޭ ސުވާލުގެ މުހިންމު ކަމެވެ. ކޯބީގެ ކެއުމުގެ ވާހަކައިން މިސާލެއް ނަގާއިރު އޭނާގެ ވާދަވެރިން ބާގާ ކެއުމުގެ މުބާރާތަށް ތައްޔާރުވުމަށް ކުރި ސުވާލަކީ "އަހަރެމެންނަށް ގިނައިން ބާގާ ކެވޭނީ ކޮންގޮތަކަށް ހެއްޔެވެ." މިއާ ހިލާފަށް ކޯބީގެ ސުވާލަކަށް ވީ "އަހަންނަށް އެންމެ ފަސޭހައިން ބާގާ ކެވޭނީ ކޮންގަތަކަށް ހެއްޔެވެ." މިސުވާލުގެ ޖަވާބު ހޯދުމަށް އޭނާއަށް ތަފާތުގޮތްގޮތަށް ފަސޭހައިން ބާގާ ކެވޭނެ ގޮތްތަށް ދިރާސާރަން މަޖްބޫރު ވި އެވެ. މިގޮތުން މިސާލަކަށް އޭނާއަށް ފާހަގަ ކުރެވުނީ ބާގާ ކާއިރު އޭގެ މަސްގަނޑު އަދި ޕާން ވަކިން ކާން މާ ފަސޭހަ ކަމެވެ.

ކަމެއްގައި ކުރި ހޯދުމަށް ވިސްނާ އިރު ކުރަން ޖެހޭ ދެވަނަކަމަކީ އެހެން އިންސާނަކު މިހާތަނަށް އެކަމުގައި ހޯދާފައިވާ ކާމިޔާބީ އަކީ ތިމާއަށް އެކަމުގައި ކުރި ހޯދޭނެ އެންމެ މަތީ ދަރަޖަ ކަމުގައި ގަބޫލު ނުކުރެވެ. ތިމާއަށް އެއަށްވުރެ މައްޗަށް ދެވޭނެ ކަމަށް ގަބޫލު ކުރުމެވެ. އެހެންގޮތަކަށް ބުނާނަމަ ކާމިޔާބީ އަކީ ވަކި ހައްދެއްގައި އޮންނަ އެއްޗެއް ނޫންކަން ހިތުގައި ކަނޑަ އެޅުމެވެ. މިސާލަކަށް ކޯބީ ބާގާ ކެއުމުގެ މުބާރާތުގެ ރެކޯޑު އެހާ ބޮޑު ތަފާތަކުން މުގުރާލީ ކުރީގައި މީހަކު ހަދާފައޮތް ރެކޯޑަށް އޭނާ އެއްވެސް އަހަންމިއްޔަތު ކަމެއް ނުދިނުމުންނެވެ.

އަދިވެސް މިއާގުޅޭ އެހެން މިސާލެއް ހުށަހަޅާނަމެވެ. މިސާލަކަށް ތިބާއަކީ އާންމުކޮށް ހެލިފެލިވެ ކަސްރަތު ކޮށް ނޫޅޭ މީހަކަށް ވެފައި ތިބާ ގާތު ޕުޝް އަޕް ހެދުމުގައި ވާދަ ކުރުމަށް ރައްޓެއްސަކު އެހި އެވެ. މިކަމަށް ތިބާ އެއްބަސްވެ ގާތްގަނޑަކަށް 10 ވަރަކަށް ޕުޝްއަޕް ހެދޭނެ ކަމަށް ކަނޑައަޅައިގެން ކުރިއަށް ދިއުމުން 7 ނުވަތަ 8 ޕުޝް އަޕް ތިބާއަށް ފުރިހަމަ ކުރެވިދާނެ އެވެ. މިއާ ހިލާފަށް ތިބާއަށް 30 ޕްޝްއަޕް ހެދޭނެކަމަށް ނިޔަތްގަނެ ފެށުމުން 20 އާ ކައިރި ކުރާ މިންވަރަކަށް ޕުޝް އަޕް ތިބާއަށް ފުރިހަމަ ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަން ކަށަވަރެވެ.

މިކަމުގެ އަލިގަދަ ހެކި ސައިންސުވެރިންގެ އެހެން ދިރާސާތަކުންވެސް ހާމަވެ އެވެ. މިސާލަކަށް، ބައިސްކަލް ރޭސް ތަކަށް ތަމްރީނު ވަމުންދިޔަ މީހުން ބޭނުން ކޮށްގެން ކުރެވުނު ދިރާސާއެއްގައި ބައިސްކަލުގައި ދުއްވާ ބާރު މިން ދުއްވާ މީހާއަށް ފެންނަ ގޮތަށް މީޓަރު ތައް ހަރުކުރެވުނެވެ. އަދި ބައެއް ބައިސްކަލުގެ މީޓަރުތަކުން ދައްކާ ސްޕީޑް ސައިންސުވެރިން ގަސްތުގައި ދުއްވާމީހުންނަށް އޮޅުވާލި އެވެ. މިގޮތުން ބައެއް ބައިސްކަލުގައި ހަރުކުރެވުނު މީޓަރުތަކުން ފެންނަ ސްޕީޑް ދުވާބާރުމިނަށްވުރެ އެތައް ގުނައަކަށް ދަށްކުރުމުން ވެސް ދުއްވާމީހުން ކުރީގެ އެމީހުން ދުއްވަމުން ދިޔަ ބާރު މިން މީޓަރުން ފެންނަ ހަމައިގައި ބައިސްކަލް ދުއްވި އެވެ. މީގެ މާނައަކީ ދުއްވާ މީހުންނަށް ނޭގި އެމީހުންގެ އަމިއްލަ ރެކޯޑު އެމީހުންނަށް މުގުރާލެވުނު ކަމެވެ.

މަތީގައި ފާހަގަ ކުރެވުނު ދިރާސާ މިސާލުން ދޭހަވާ އެހެން އެއްޗެއްވެސް އެބަ އޮތެވެ. އެއީ ކަންކަމުގައި ކުރި ހޯދުމުގައި ތިމާގެ ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނަކަށް ވުރެ ސިކުނޑި އަދާކުރާ ރޯލުގެ މުހިންމުކަމެވެ. އާއެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ކަންކަމުގައި ކުރި ހޯދަން މަސައްކަތް ކުރާއިރު ތަފާތު ގޮންޖެހުން ތަކާ ކުރިމަތިލާން ޖެހޭނެކަން ކަށަވަރެވެ. އެކަމަކު، ކަމެއް ކުރަން ކެރިގެން ކުރިމަތިލާއިރު އެކަމެއް ހާސިލު ނުވާނެކަމަށް ވިސްނުން ނުވަތަ އެކަމެއްގެ ކާމިޔާބީގައި ހައްދުތަކެއް ނުވަތަ ލިމިޓެއް ވާނެ ކަމަށް ގަބޫލު ކުރުމަކީ އެކަމެއް ހާސިލު ކުރުމަށް އެޅޭ ބޮޑު ހުރަހެއްކަން ގައިމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!