ރިޕޯޓް

ހުސްވަގުތެއް ލިބޭއިރަށް ދާން ވަނީ "ބްރިޖް ވިއު" އަށް، ގޮސް އަޅަނީ ކުނި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގިނަ ޒުވާނުންތަކެއް ހުސްވަގުތެއް ލިބުމުން ރައްޓެހިންނާއެކު ގޮސް އުޅޭ އެއްތަނަކީ މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ހެދިފައިވާ "ބްރިޖް ވިއު" އެވެ. ނުވަތަ "ނިއު ޕޯރޓް" ވިއުއެވެ. އެތަނުގެ ކައިރިން ކޮންމެ ވަގުތެއްގައި ދުއްވާފައި ދިޔަޔަސް އެތަނުގައި ގިނަ އަދަދެއްގެ ޒުވާނުންތަކެއް މަޑުކޮށްގެން ތިބޭ މަންޒަރު ފެނެއެވެ. ގިނަ ފަހަރަށް ފެންނަނީ ކޮންމެވެސް ލުއި ކާނާއެއް ހިފައިގެން ގޮސް ކާން ތިބޭ ތަނެވެ.

Ads by MWSC

ރޭގެ ވަގުތެއްގައި ރަހުމަތްތެރިއަކާއެކު އެތަނުގެ ކައިރިން ދަނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. ހިޔާވެލުމަށްޓަކައި އަޅުގަނޑުމެން ނިންމީ އެތަނަށް ވަދެ އިށީންދެލުމަށެވެ. އެހެންކަމުން ސައިކަލު ބެހެއްޓުމަށްފަހު އަވަހަށް ގޮސް އެތަނަށް ވަދެފީމެވެ. ގޮސް އިށީންދެލައިގެން ތިބީ އެކި ވާހަކަތައް ދައްކާށެވެ. އެހެން ތިބެފައި އެއްލި ކަޅިއަކުން އަޅުގަނޑަށް ފެނުނީ، އެތަނުގައި ރެޑްބުލް ދަޅެއް ބޯން އިން ޒުވާނަކު އެ ދަޅު ބޮއެ ނިންމާލުމަށްފަހު އެއްލާލި މަންޒަރެވެ.

އެ މަންޒަރު ފެނުމުން އަޅުގަނޑު ވަރަށް ފަރުވާތެރި ކަމާއެކު އެތަނަށް ނަޒަރު ހިންގާލީމެވެ. މީގެ ކުރިން ފާހަގަ ނުވި ކަމެއް ފާހަގަ ވިއެވެ. އެތަނުގައި ގިނަ އަދަދަކަށް ކުނި ހުރިކަމެވެ. ހުސް ދަޅުތަކާއި ފުޅިތަކުގެ އިތުރަށް ލުއިކާނާ ޕެކެޓު ތަކާއި އަދި ޕްލާސްޓިކް ތަށި ވެސް ގިނަ އަދަދަކަށް ހުއްޓެެވެ. އެތަނަކީ ނުހަނު ހިތްފަސޭހަ ތަނެކޭ ބުނެވިދާނެއެވެ. އެތަނުގައި ތިބެގެން ހިތްގައިމު ސިނަމާލެ ބްރިޖް ބަލާލެވެއެވެ. ރާޅުގަނޑު ސަރަހައްދުގައި ރާޅާ އަޅަން އުޅޭ ރާޅާއެޅުންތެރިން ވެސް ފެނެއެވެ.

ގިނަ ޒުވާނުންތަކެއް ރައްޓެހިންނާއި ބައްދަލުކޮށްލަން ބޭނުންވުމުން ގުރޫޕްތައް ހަދައިގެން އެ ތަނަށް ގޮސް، އެތަން ހަޑި ކުރަނީ އެމީހުންގެ އަމިއްލަ އަތުންނެވެ. ކައިރި ފިހާރަތަކުން ލުއިކާނާއާއި ސޮސެޖު ފަދަ ތަކެތި ގަނެގެން ގޮސް އެތަނަށް ހުސް ޕެކެޓާއި ދަޅުތައް އަޅަނީ ވެސް އަމިއްލަ އަތުންނެވެ. އެތަނަށް ކުނި އަޅާކަށް ބިދޭސީއަކު ނާދެއެވެ. އެތަނަށް ކުނި އަޅަނީ ހަމަ އަޅުގަނޑުމެން ދިވެހީންނެވެ. އަޅުގަނޑުމެން ހިތްހަމަ ޖައްސާލަން ދާ ތަން ހަޑިކުރަނީ އަޅުގަނޑުމެން އަމިއްލަ އަށެވެ.

އެތަނަށް މާގިނައިން ކުނި އަޅާފައިވާތަން ފެނުމުން އެތަނުގައި ޑަސްބިނެއް ނެތީބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް ރަނގަޅަށް ބަލާލިއިރު ތިރީގައި 2 ޑަސްބިން ބަހައްޓާފައިވާ މަންޒަރު ވެސް ފެނުނެވެ. ލުއިކާނާ ކެއުމަށް ފަހު، ދަޅާއި ފުޅި ބޮއެ އެ ޑަސްބިނަށް ލުމަކީ އެހާ ބުރަ މަސައްކަތެއް ބާވައޭ އަޅުގަނޑުގެ ހިތަށް އެރިއެވެ. ކާބަފައިންގެ ޒަމާނުގައި ދިވެހީންނަކީ ނުހަނު މުރާލި ބަޔަކަށް ވީހިނދު މިއަދު ދިވެހީން ހަމަ އެހާ ކަންނެތް ވީތޯ އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލު ކުރަން ޖެހެއެވެ.

ގިނަ އަދަދެއްގެ ކުނި އެތަނަށް އަޅާފައިވާ މަންޒަރު ފެނުމުން ހަގީގަތުގައި ވެސް ވަރަށް ހިތްދަތި ވިއެވެ. އަޅުގަނޑުމެން ދިވެހީން އަމިއްލަ އަތްތަކުން ގައުމު ހަޑިކުރަމުންދާ ކަން ވިސްނާލެވުމުން އަދި މާ ބޮޑަށް ދެރަވިއެވެ. އެއަށްވުރެ ބޮޑަށް އެހާ ގިނަ ކުނި އެތަނަށް އަޅާފައިވާތަން ފެނުމުން ބޮލަށް އުނދަގޫ ވިއެވެ. އެހެން ނަމަވެސް އަޅުގަނޑު ބޭނުންވީ މިއީ ހަމައެކަނި އަޅުގަނޑަށް ކުރެވޭ އިހްސާސެއްތޯ ޔަގީން ކޮށްލާށެވެ.

އެހެންކަމުން އެތަނުގައި އިން ޒުވާނަކާ އަޅުގަނޑު ސުވާލު ކޮށްލީމެވެ. މިގޮތަށް މިތަނަށް އައިސް މަޑުކޮށްލުމުން މިތަނުގައި މިހާގިނަ ކުނި ހުންނާތީ އުނދަގޫ ނުވޭތޯއެވެ. ޖަވާބު ދެމުން އެ ޒުވާނާ ބުނީ ހަގީގަތުގައި ވަރަށް ބޮޑަށް އުނދަގޫ ވާ ކަމަށެވެ. އެހެން ނަމަވެސް ކޮންމެ މީހަކު ވެސް މިތަނަށް އައިސް ކުނި އަޅާނަމަ އެކަމަށް ހައްލެއް ނޯންނާނެ ކަމަށް ބުންޏެވެ.

ބްރިޖް ވިއުގެ ފުރަގަހުގައި އޮންނަނީ ޓިނުތަކެކެވެ. އެތަނުގެ މަތި ބަލާލައިފި މީހަކު ހައިރާން ވާނެ ކަން ޔަގީނެވެ.އެތަނެކޭ ކުނިގޮނޑެކޭ ތަފާތެއް ނެތެވެ. އެތަނަކީ، އެތަނަށް ދާ މީހުން ގޮސް ކުނިއަޅަން ހާއްސަކޮށްފައިވާ ތަނެކޭ ވެސް އިރުކޮޅަކަށް އަޅުގަނޑަށް ހީވިއެވެ.

ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތް އެނގޭތޯއެވެ؟ އެމީހުން ގަބޫލު ކުރާ ގޮތުގައި އެތަން ސާފު ކުރުމަކީ އެމީހުންގެ ޒިންމާއެއް ނޫނެވެ. އެއީ ދައުލަތުގެ ޒިންމާއެކެވެ. ނަމަވެސް އެއީ ހަގީގަތުގައި ރަނގަޅު ވާހަކައެއް ނޫނެވެ. އަޅުގަނޑުމެން ކޮންމެ މީހަކު "ފަރުދީ ޒިންމާ" އޭ ކިޔާ އަޑު އުފުލަމުން ދާއިރު، އަޅުގަނޑުމެން އެތަނުން ނަގާ ކޮންމެ ކުނި ކޮޅަކީ އަޅުގަނޑުމެން އަދާކުރާ ފަރުދީ ޒިންމާއެކެވެ. ނަމަވެސް އެ ފަރުދީ ޒިންމާ އަދާ ކުރެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެެވެ.

އާނއެކެވެ. އަޅުގަނޑުވެސް އަދި މުޅި މުޖުތަމައު ވެސް ހިމެނޭ ގޮތަށް މުޅި ގައުމު ފެއިލް ވެއްޖެ ކަމުގެ އިހްސާސް ކުރެވެނީ މިފަދަ ކަންކަމާ ހުރެއެވެ. އަޅުގަނޑުމެންނަށް ﷲ ތަޢާލާ ދެއްވާފައިވާ މަތިވެރި ނިއުމަތް، ރީތި ތިމާވެއްޓަށް އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން އިހްމާލް ވަނީއެވެ. ފޫހި ފިލުވާލާ ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލަން ދާ ތަންތަން ކުނި ގޮނޑަކަށް އަމިއްލައަށް ހަދަނީއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!