ޚަބަރު

މުސީބާތުގެ ދަނޑިވަޅުގައި ވެސް ދިވެހިންގެ އެހީ އެތައް ބަޔަކަށް

ދެން އެމްވީ ، ދެން އޮންލައިން

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ ''ލޯތްބާއެކު 2020 ޕެންޑަމިކް ރިލީފް'' އަށް ދިވެހިންގެ ފަރާތުން އެތަކެއް ބަޔަކަށް އެހީވެއްޖެއެވެ.

Ads by STELCO

2018 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ މި ހަރަކާތަށް ބޮޑު ތަރްޙީބެއް މި އަހަރު ލިބިފައިވާއިރު، މި އަހަރުގެ މި ކެމްޕޭނަށް މިހާތަނަށް ޖުމްލަ 827,171.18 ރުފިޔާ ލިބިފައިވެއެވެ. އައިއޭސީއިން ހާމަކުރާ ގޮތުގައި ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ހައްސާސް ދަނޑިވަޅުގައިވެސް އެތައް ދިވެހިނެއް މި ކެމްޕޭނަށް އެހީވެފައިވެއެވެ.


އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ''ލޯތްބާއެކު 2020 " ކެމްޕޭނުގެ އެހީ ފޯރުކޮށްދިނުމުގެ ކަންކަން މިހާތަނަށް 3 ސަރަހައްދެއްގައި ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން، އެހީގެ ތަކެތި ބަހާފައިވާ ސަރަހައްދުތަކަކީ ޔުގެންޑާ، ފަލަސްތީންގެ ގާޒާއާއި ތުރުކީގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅެމުންދާ ސީރިޔާ ރެފިއުޖީން ދިރިއުޅޭ ސަރަޙައްދެވެ.

ޔުގެންޑާގެ 100 އާއިލާއަކަށް މުޅި ރަމަޟާން މަހަށް ފުދޭވަރަށް ކާބޯތަކެތީގެ ޕެކޭޖަކާއި ހައިޖީން ޕެކޭޖެއް ދެވިފައިވާކަމަށް އައިއޭސީއިން ހާމަކުރެއެވެ. މީގެއިތުރުން، ތުރުކީ ބޯޑަރު ސަރަހައްދުގައި ތިބި ސިރިޔާ ރެފިއުޖީންގެ ތެރެއިން 100 އާއިލާއަކަށް މުޅި ރަމަޟާން މަހަށް ވާވަރަށް ކާބޯތަކެތީގެ ޕެކޭޖް ސަދަޤާތް ކޮށްފައިވެއެވެ. އައިއޭސީއިން އިތުރަށް މަޢުލޫމާތުދޭ ގޮތުގައި ގާޒާގެ ރައްޔިތުންގެ ތެރެއިން 100 އާއިލާއަކަށް ކާބޯތަކެތީގެ ޕެކޭޖްތައް ސަދަޤާތް ކޮށްފައިވެއެވެ. ޔުގެންޑާ، ފަލަސްތީން ސީރިޔާގެ އިތުރުން ރޮހިންޔާ ރެފިއުޖީންނަށާއި، ނޭޕަލް އަދި ޔަމަންގެ ނިކަމެތި އާއިލާތަކަށްވެސް މި ކެމްޕޭންގެ ތެރެއިން އެހީވުމަށް ހަމަޖެހިފައިވެއެވެ.


އައިއޭސީ އިން މަޢުލޫމާތު ދޭގޮތުގައި މި ކެމްޕޭން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި އަހަރުގެ ކެމްޕޭން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ރޯގާގެ ބަލިމަޑު ކަމަށް ޙާއްސަ ކޮށްގެން ކަމަށްވާތީ އައިއޭސީއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ޕެކޭޖުގެ ތެރޭގައި ޚާއްސަ ހައިޖީން ޕެކެއް ވެސް ހިމަނާފައިވެއެވެ. އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި ޖުމްލަ 60 ޑޮލަރަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފައި ވެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އަންނަނީ ލޯތްބާއެކު 2020 ކެމްޕޭނުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރަމުންނެވެ. އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259މެދުވެރިކޮށް މި ކެމްޕޭނަށް އެހީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅޭނެއެވެ.

ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ އިތުރުން، އައިއޭސީއިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް އެހީވުމުގެ ގިނަ ކެމްޕޭންތައް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން، އައިއެޗްއެޗް ހިއުމަނިޓޭރިއަން ރިލީފް ފައުންޑޭޝަނާއި ގުޅިގެން ތުރުކީ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ސީރިޔާ ރެފިއުޖީންނަށާއި، އައިއޭސީގެ އިސްނެގުމުގެ ދަށުން ހިންގާ އަލޫކާ ސްކޫލްގެ ދަރިވަރުންނާއި އިތުރު ފަރާތްތަކަށް މަސްދަޅު ހަދިޔާ ކުރުމުގެ ކެމްޕޭނެއް ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!