އިތުރު 10 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
އިތުރު 10 މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ އެންމެ ފަހުން ފައްސިވެފައި ވަނީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ ތިިން މީހަކާއި އިންޑިއާގެ ދެމީހެއް ކަމަށެވެ. އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 491 އަށް އަރާފައެވެ.
މިރޭ ދިހަ މީހުންގެ ތެރޭގައި އުމުރުން 87 އަހަރުގެ މީހަކު ވެސް ހިމެނޭއިރު މިއީ ރާއްޖެއިން މިހާތަނަށް ފައްސިވި އެންމެ އުމުރުން ދުވަސްވީ މީހާއެވެ.
އެއާއެކު މިރޭ 12 ޖެހުމާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 23 އެވެ. މިއަދު ކުރިން ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހީންނާއި ބަންގްލަދޭޝްގެ ހަ މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކާއި، ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކުވެސް ހިމެނެއެވެ. އުމުރުން 80 އަހަރުގެ މީހާއަކީ ނ. މަނަދޫ އިން ހާލުދެރަވެގެން މާލެ ގެނެއި މީހެކެވެ. އެއާއެކު މަނަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.
މިހާތަނަށް ރާއްޖެއިން 491 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، އެމީހުންނާ ގުޅުންހުރި ގިނަ ތަންތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ި ޕޮޒިޓިވްވި މީހުންގެ 3600 އަށް ވުރެ ގިނަ ކޮންޓެކްޓުން މިހާތަނަށް ވަނީ ދެނެގަނެވިފައެވެ.