އެމްއެންއެން އިން ފަޒްނާގެ އަރިހުން މަޢާފަށް އެދެން އަންގައިފި

ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް ނިއުސް ނެޓްވޯކުން ޝާއިއުކުރި ލިޔުން އިސްލާހުކޮށް މައާފަށް އެދެން އަންގައިފިއެވެ.
މެޑަމް ފަޒްނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކުރި ޕާކުގެ ކޮރަޕްޝަނުގެ މައްސަލައިގައެވެ.
މި މައްސަލައިގައި މެޑަމް ފަޒްނާގެ ގާނޫނީ ވަކީލުންގެ ފަރާތުން އެމްއެންއެންގެ އެޑިޓަރު ސާލިމް ވަހީދަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ބުނެފައިވަނީ “އެމްއެންއެން އެކްސްކްލޫސިވް: ސިޓީ ހޯލް-ޑެލްޓާ އޮފް ކޮރަޕްޝަން" ނަމުގައި އެމްއެންއެންއިން ޝާއިއުކުރި ލިޔުމުގައި މ. ދީފްރަމްއާގޭ ފަޒްނާ އަހުމަދާ ގުޅޭގޮތުން ޝާއިއު ކޮށްފައި ވަނީ ބުހުތާނު ދޮގު ކަމަށާއި އެ ލިޔުމުގެ ސަބަބުން ފަސްޓްލޭޑީ ފަޒްނާގެ އިއްޒަތާއި އަބުރަށާއި ގަދަރަށް އުނިކަން ލިބި މުޖުތަމައުގައި އެކަމަނާ އާއި މެދު ނުބައި ތަސައްވަރެއް އުފެދިދާނެ ފަދަ ގޮތަކަށް ހަބަރު ޝާއިއު ކޮށްފައިވާ ކަމަށެވެ.
އަދި އެ ހަބަރަކީ ބްރޮޑްކާސްޓު ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަމެއް ފާހަގަކޮށް، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގައި ބުނެފައި އޮތް ގޮތަށް، ހަގީގަތާ ހިލާފަށް އެ ނޫހުގައި ޝާއިއު ކޮށްފައިވާ ލިޔުން އިސްލާހުކޮށް އެ ލިޔުމަކީ ހަގީގަތާ ހިލާފު ލިޔުމެއްކަމަށް އިއުތިރާފުވެ، މައާފަށް އެދުމަށް ވަނީ އެ ސިޓީގައި އަންގައިފައެވެ.