ވެލާ ރިސޯޓުން ރާއްޖެއަށް 5 ވެންޓިލޭޓަރާއި 10،000 ޓެސްޓު ކިޓާއެކު ބޮޑު އެހީއެއް
ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ، ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ފަރާތުން ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމައިފިއެވެ.
އެގޮތުން އެ ރިސޯޓުގެ ހިއްސާދާރުންކަމަށް ވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓެވެ.
މިއަދު ގެ ވަގުތެއްގައި އެ ރިސޯޓުގެ ވެރިން، ޕްރައިވެޓް ޖެޓުގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު 10،000 ޓެސްޓު ކިޓު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ރާއްޖެ ވަޑައިގަންނަވާ ހިއްސާދާރުންގެ ތެރެއިން ޑެނިއަލް ވަނީ މިދިޔަ މާޗު މަހު ޗެކް ރިޕަބްލިކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ބައްޔަށް ފަރުވާކޮށް މުޅިން ރަނގަޅުވެފައިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ވެލާ ރިސޯޓުގެ ހިއްސާދާރުން ރާއްޖެ ވަޑައިގަންނަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަން އެ ފަރާތުން ހާމަކޮށްފައިވާއިރު އެ ބޭފުޅުންގެ އިތުރުން އެހީތެރިން ވެސް އަންނާނެ ކަމަށް އެނގިފައިވެ އެވެ. މި މީހުން ތިބުމަށް ހަމަޖެހިފައިވަނީ ވެލާ ރިސޯޓުގައެވެ.
ވެލާ ރިސޯޓު އަބަދުވެސް މަޝްހޫރުވެފައި އޮންނަނީ މުވައްޒަފުންނަށް ވަރަށް ރަނގަޅު ތަނެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖޭގައި މުވައްޒަފުންނަށް އެންމެ ބޮޑު ސާވިސް ޗާޖުދޭ އެއް ރިސޯޓަކީ ވެސް ވެލާ ރިސޯޓެވެ.