ޚަބަރު

މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށް ރެކޯޑު ހަދައިފި

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް އަހަރެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރެވެ.

Ads by STELCO

ޓުއަރިޒަމް މިނިސްޓްރީން ބުނީ މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މަޢުލޫމާތާއި، މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި 171،292 ފަތުރުވެރިންނާއިއެކު، އަހަރު ނިމުނުއިރު ޖުމްލަ 1،702،831 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާކަމަށެވެ.

މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 14.7 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަހަރުކަމަށް މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 49 ޕަސެންޓު ހިއްސާއާ އެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. މިސަރަޙައްދުން ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު 14.8 ޕަސެންޓު ކުރިއެރުމަކާއެކު، 833،904 އަށް އަރާފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 41.4 ޕަސެންޓު ޙިއްސާއަކާއިއެކު އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުންނެވެ. މިދިޔަ އަހަރު އޭޝިއާ ޕެސިފިކް ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު 705،117 އަށް އަރާފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 13.5 ޕަސެންޓުގެ ގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އެމެރިކާ ސަރަޙައްދުން 5 ޕަސެންޓުގެ ޙިއްސާއާ އެކު ޖުމްލަ 84،793 ފަތުރުވެރިންނެވެ. މީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުން 3.5 ޕަސެންޓުގެ ޙިއްސާއާއިއެކު ޖުމްލަ 60،003 ފަތުރުވެރިންނާއި އެފްރިކާ ސަރަޙައްދުން 18،698 ފަތުރުވެރިން 2019 ވަނައަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

މިދިޔަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ވަކިވަކި މާކެޓްތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ފަސް މާކެޓަކީ، ޗައިނާ (%16.7) އިންޑިއާ (%9.7) އިޓަލީވިލާތް (%8)، ޖަރުމަނުވިލާތް (%7) އަދި އިނގިރޭސިވިލާތް (%7.4) އެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ އިންޑިއާ މާކެޓަށެވެ. މިގޮތުން 2018 ވަނައަހަރު ނިމުނުއިރު 5 ވަނައިގައި އޮތުމަށްފަހު އިންޑިއާއިން ވަނީ 2019 ވަނައަހަރު ނިމުނުއިރު 83.5 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި 166،015 ފަތުރުވެރިންނާއިއެކު ދެވަނައަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!