ޚަބަރު

މާލޭ ޖަލުގައި އަލިފާން ރޯކޮށްލި ކަމަށް ބުނާ ވާހަތަކައް ކަރެކްޝަންސް އިން ދޮގު ކޮށްފި

މާލޭ ރިމާންޑް ޖަލުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ބުނާ ހަބަރުތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޮގު ކޮށްފި އެވެ.

ކަރެކްޝަނުން ބުނީ ޖަލުގެ ހާލަތާއި ގުޅޭގޮތުން ދެކެވެމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި މިއަދު ޖަލުގައި ރޯކޮށްލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށެވެ.

މިދިޔަ ހަފުތާ ބަންދުން ފެށިގެން މާފުށީ ޖަލުގައި އަންނަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. އަދި އެމީހުންނާ ބައިވެރިވުމުގެ ގޮތުން މިހާރު މާލޭ ޖަލުގައި ވެސް ވަނީ ހަމަނުޖެހުން ހިންގަން ފަށައިފައެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވީ ޖަލުގައި ތިބި މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެކަންކަމާ ގުޅިގެން އެމީހުން ނުރުހުން ފާޅުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޖަލު އޮފިސަރުންގެ ގަޔަށް އެއްޗެހި އުކާ، އަދުގަދަކޮށް ހަމަނުޖެހުން ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް ޖަލު ތެރޭގައި މިއަދު ރޯކޮށްލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޮފިޝަލް ވަނީ ދޮގުކުރައްވައިފައެވެ.

ނަމަވެސް ޖަލުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ހަބަރު ފަތުރުނީ ޖަލުގެ ގޮޅިއެއްގައި ތިބި ގައިދީންތަކެއް އެމީހުން ނިދަން ބޭނުންކުރާ ބެޑްޝީޓެއްގައި ރޯކޮށްލުމަށްފަހު ގޮޅިން ބޭރަށް އެއްލާލުމުން ކަމަށާއި އެ ބެޑްޝީޓްގައި ރޯކޮށްލި އަލިފާން ވެސް ވަރަށް އަވަހަށް ނިއްވާލާފައިވާ އެނގިފައިވެއެވެ.

މިހާރު ޖަލުތަކުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ޓީމަކާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޓީމެއްވެސް މާފުށީ ޖަލަށް މިއަދު ވަނީ ޒިޔާރަތް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!