ދަތުރުފުޅު ނިންމާލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ފުރާވަޑައިގެންފި
ދިވެހި ރާއްޖޭގެ ފޮރިން ސެކެރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރުންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތީ މި މަހުގެ 8 ވަނަ ދުވަހުގައެވެ.
އެމަނިކުފާނުގެ ދަތުރުގައި ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީއާއެކު މަޝްވަރާ ކުރެއްވިއެވެ. އަދި މަސައްކަތް އަވަސްކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. އަދި ހަމަ އެހެންމެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް ވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާވެސް އެމަނިކުފާނު ބައްދަލު ކުރައްވާ އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ.
ހަމަ އެހެންމެ ދެޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެއާއި އިންޑިއާ އާ ދެމެދު މި ދަތުރުފުޅުގައި 4 އެމްއޯޔޫ އެއްގައި ވަނީ ސޮއި ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމުގެ ބައެއް ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓާއި، ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އާއި ގުޅޭ ދެ އެމްއޯޔޫ ހިމެނެއެވެ.
ދަތުރުފުޅު ނިންމާލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ފުރައިވަޑައިގަތީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.