ޚަބަރު

އުގައިލްގެ އެހީގައި އައްޑޫގައި ޑެލިވަރީގެ ހިދުމަތަށް ހާއްސަ ސިސްޓަމެއް!

ޕްރޮފެސަރ ހަސަން އުގައިލްގެ ފައުންޑޭޝަންއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އޯޑަރ/ޑެލިވަރީ ސިސްޓަމެއް ގާއިމްކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކޮވިޑް 19ގެ ހާލަތާ ގުޅިގެން އާއްމު ރައްޔިތުންނަށް ކާބޯތަކެތި އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްސަދުގައި އުގައިލް ފައުންޑޭޝަނުން އިސްނަގައިގެން ސިޓީ ކައުންސިލާއި ގުޅިގެން އޯޑަރ/ޑެލިވަރީ ސިސްޓަމެއް ޤާއިމްކުރެވިފައިވާ ކަމަށެވެ.

އައްޑޫގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފައިވާ ހުރިހާ ވިޔަފާރިތަކަށް މި ސިސްޓަމް މެދުވެރިކޮށް ހިދުމަތް ދިނުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އަދި ސިސްޓަމަށް ރަޖިސްޓްރީވުމުގެ މައުލޫމާތާއި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ސެޝަންތަކެއް އުގެއިލް ފައުންޑޭޝަންގެ ސަޕޯޓު ޓީމުން ވިޔަފާރިތަކަށް ދިނުމަށް ނިންމާފައިވާ ކަމަށާއި މި ސެޝަން ކުރިއަށް ގެންދާނީ ކޮންމެ ވިޔަފާރިއަކަށް ވެސް ވަކިވަކިން ވަގުތު ދީގެން ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މާލެއިން ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫގައި އާއްމު ވިޔަފާރި ކުރުމާއި، ކެފޭ ރެސްޓޯރެންޓު އަދި ގާޑިއާގެ ހިދްމަތް ދިނުން ސިޓީ ކައުންސިލުން ވަނީ މަނާކޮށްފައެވެ. އަދި ވިޔަފާރިތަކުން ޑެލިވަރީގެ ހިދްމަތް ދިނުމަށް ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!