ރިޕޯޓް

ޖުމްހޫރީ ދުވަސް: އަންގައިދެނީ ޕާޓީ ލޯތްބަށްވުރެ ވަޠަނީ ލޯބި އިސްކުރަން ޖެހޭކަން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. ޖުމްހޫރީ ދުވަހެއް އަޅުގަނޑުމެން މިއަދު ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެންގެ މުޖުތަމައުގެ މިއަދުގެ ޒުވާނުންނަށް ޖުމްހޫރީ ދުވަހަކީ ކޮބައިކަން އެނގެނީ ކިހައި ވަރަކަށްތޯ ސުވާލު ކޮށްލަން އެބަ ޖެހެއެވެ. ޖުމްހޫރީ ދުވަސް އެ ޒުވާނުންނަށް ހާއްސަ ވަނީ ކިހިނެއްތޯ އަޅުގަނޑުމެން އެ ޒުވާނުންގެ ގާތުގައި ސުވާލު ކޮށްލަން އެބަ ޖެހެއެވެ. އެ ޒުވާނުންނަށް ޖުމްހޫރިއްޔަތަކީ ކޮބައިކަން އެނގޭތޯ އަޅުގަނޑުމެން ސުވާލު ކޮށްލަން ޖެހެއެވެ.

Ads by STELCO

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރަކުމެ އަޅުގަނޑުމެން ފާހަގަ ކުރާ ދުވަހެކެވެ. ނޮވެމްބަރު 11 އަކީ ކޮން ދުވަހެއްހޭ ބުނެފި ނަމަ އެއީ ޖުމްހޫރީ ދުވަސްކަން ގިނަ ބަޔަކަށް އެނގެއެވެ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެން ހިތާމަ ކުރަން ޖެހެނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުންނަށް ނޮވެމްބަރު 11 އަކީ ކޮން ދުވަހެއްކަން ނޭނގޭތީއެވެ. ގިނަ ޒުވާނުން ތަކަކަށް މި ދުވަހަކީ ބަންދު ދުވަހެއްކަން އެނގުނު ނަމަވެސް މި ދުވަސް ބަންދު ވަނީ ކޮން މުނާސަބަތަކާ ގުޅުވައިގެންކަން ނޭނގުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ގައުމުގެ ހާއްސަ ދުވަސްތައް އަދި ގައުމުގެ ތާރީހާއި ގުޅިފައިވާ ދުވަސްތައް މިއަދުގެ ޒުވާނުންނަށް ނޭނގޭ ނަމަ ކުރިއަށް އޮތް ތަނުގައި މި ދުވަސްތަކަކީ ކޮބައިކަން އެނގޭ މީހުން މި ގައުމުގައި ނޫޅެ ވެސް ދާނެއެވެ. ނަމަވެސް މޮޅެތި ތާރީހު އިލްމުވެރިން ވިދާޅުވާ ފަދައިން ތާރީހު ނޭނގުމަކީ ތާރީހެއް ނެތުމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ތާރީހުން 2 ޖުމްހޫރިއްޔަތެއް ފެންނަން އެބައޮތެވެ. އެގޮތުން އަޅުގަނޑުމެން ފާހަގަ ކުރަމުން މިދާ ޖުމްހޫރީ ދުވަހަކީ ރާއްޖެއަށް ދެވަނަ ޖުމްހޫރިއްޔަތު އައި ދުވަހެވެ. ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔާތެއް ފެށުނު ދުވަހެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ވާހަކަ ދެއްކުމުގެ ކުރިން، ރާއްޖެއަށް ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތެއް އައީ ކީއްވެތޯ އަދި ކޮން އިރަކުތޯ އަޅުގަނޑުމެން ބަލާލަން އެބަ ޖެހެއެވެ.

މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތިޢުފާ ދެއްވިއެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. އެކިފަހަރު އެކިގޮތަށް އިވެމުންދިޔަ އަޑުތަކެއްގެ ތެރެއިން ރާއްޖޭގެ އެންމެ މަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަން ވެސް ފެނިގެން ދިޔައެވެ. އެކަމަކު ދެންވެސް ތަޚުތު ހުރީ ފަޅަށެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ނުހަނު ލޯތްބާއި އިޚްތިރާމާއެކު ދިވެހީން އެރުވިއެވެ. އެއީ 11 އޭޕްރީލް 1943 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސް ވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ފެށުނެވެ. މިގޮތުން ގިނަ ބައްދަލުވުން ތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައި ވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއް ނުވެއެވެ. ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ހާލު ހުރިގޮތުންނެވެ. ސަރީހަ ޢިބާރާތަކުން ދަންނަވާނަމަ ދިވެހި ދަރިންނަށްޓަކައި ސިލޯނުގަޔާއި، އަދިވެސް ބޭރުގެ އެތަންމިތާގައި މުޙަންމަދު އަމީނު ކުރައްވާ ޚިދުމަތްތަކުން ދިވެހި ޤައުމު މަޙުރޫމް ކުރެއްވުމަކީ ޤައުމުގެ ޙުއްބުލްވަޠަންގެ ޙައްޤުގައި ކުރައްވަން ހެޔޮނުވާނެ ކަމެއްކަމުގައި އޭނާއަށް ފެނިވަޑައިގަންނަވާތީއެވެ.

އެންމެފަހުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ސިޔާސީ ތިލަފަތުން ކިރަން ފެށިއްޖެއެވެ. މިގޮތުން ބަހުސްތަކާއި މަޝްވަރާތަކަށްފަހު އެންމެފަހުން ނިންމެވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށް ޟަރޫރަތްތެރިކަން މަޖުބޫރުކޮށްފި ކަމުގައެވެ. އެހެންކަމުން މިގޮތުގެމަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އަލިކަން ރާއްޖެ ދުށީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް މި ޖުމްހޫރީ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލު ވެއްޖެއެވެ.އެ ހިސާބުން ރާއްޖޭގައި އައި ފުރަތަމަ ޖުމްހޫރިއްޔަތަށް ނިމުމެއް އައީއެވެ.  އެއީ 7 މާޗް 1954 ގައެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލްއެވެ.

ރާއްޖޭގެ ތާރީހު ދުށް ދެވަނަ ޖުމްހޫރިއްޔަތަކީ މިއަދު އަޅުގަނޑުމެން ފާހަގަ ކުރަމުންދާ ޖުމްހޫރީ ދުވަހެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްފާޟިލް އިބްރާހީމް ނާޞިރެވެ. ދިވެހިރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުން މިދަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މިއީ ރާއްޖޭގެ ތާރީހު ދުށް 2 ޖުމްހޫރިއްޔާތު ވަރަށް ތިލަކޮށް ކިޔައިދެވިދާނެ ގޮތެކެވެ. ނަމަވެސް ތާރީހުގައި މިއަށްވުރެ ތަފްސީލް ކޮށް މިކަންތައްތައް ފެންނާން އެބައޮތެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރީ ރައީސުންނާމެދު އަޅުގަނޑުމެންނަށް އެނގެނީ ކިހައިވަރަކަށް ބާވައެވެ.

މިއަދު އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް އެބައޮތެވެ. ދިވެހި ރާއްޖެ ދުށް ހުރިހާ ރައީސުން ވެސް ގައުމާއި ދީނަށް ޓަކައި ކަންތައްތަކެއް ކޮށްދެއްވާފައި އެބަހުރި ކަމެވެ. ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ އަބަދުވެސް އެ ރައީސުންގެ އުނި ސިފަތައް ބަޔަކު ފާހަގަ ކުރަން އުޅޭ މަންޒަރެވެ، އެ ރައީސުންނަށް ނުވެފައި އޮތް ކަމެއްގެ ވާހަަކަ ދައްކާ މަންޒަރެވެ.

ދަންނަވަންތޯއެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނަކީ ވެސް އެންމެ ފުރިހަަމަ ބޭފުޅުންނެކޭ އަޅުގަނޑު ނުދަންނަވަމެވެ. އެހެން ނަމަވެސް 52 ވަނަ ޖުމްހޫރީ ދުވަސް އަޅުގަނޑުމެން ފާހަގަ ކުރަމުން ދާއިރު ދިވެހިރާއްޖެ ދުށް ޖުމްހޫރީ 7 ރައީސުންގެ ޒިކުރާ މިއަދު އަޅުގަނޑުމެން އައު ކުރަމާ ހިނގާށެވެ. އެ ރައީސުންގެ އަގު ވަޒަންކޮށް އެ ރައީސުންނަށް ޝުކުރުވެރިވަމާ ހިނގާށެވެ. ސިޔާސީ ދެކޮޅުވެރިކަން ދޫކޮށްލާ ގައުމީ ލޯބިން އަތާއި އަތް ގުޅުވާލަމާ ހިނގާށެވެ. ފެއްސާ ރަތާއި ހުދުން އަޅުގަނޑުމެންގެ ގައުމު ޒީނަތްތެރިވެފައި މިވާ ދުވަހުގައި އަޅުގަނޑުމެން އަރައިރުންވުން ހުއްޓާލަމާ ހިނގާށެވެ.

މިއަދު އަޅުގަނޑުމެން އެ ނަމޫނާ ނުދައްކައިފިނަމަ ފަހުގެ ޖީލުތަކުން ފެނިގެންދާނީ ވިޔާނުދާ އަމަލުތަކެވެ. އަބަދުވެސް އެމީހެއްގެ ޕާޓީ ރަނގަޅުވެ ގައުމަށް އެހެން ޕާޓީއެއްގެ ލީޑަރަކު ކޮށްދޭ ކަމެއް ނުފެންނާނީއެވެ. އެހެން އެކަން ވެއްޖެ ނަމަ އުފެދޭނީ ސިޔާސީ ޕާޓީތައް ދެކެ ލޯބިވާ ޒުވާނުންނެވެ. ގައުމު ދެކެ ލޯބިވާ ޒުވާނުންނެއް ނޫނެވެ.

52 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އަދި އަމިއްލަ ނަފްސާ އަޅުގަނޑު މިބުނާ ސުވާލު ކޮށްލަން މިއަދު އެބަ ޖެހެއެވެ. ޖުމްހޫރީ ދުވަސް އެނގެނީ ކިހައިވަރަކަށް ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!