ހދ. އަތޮޅު ކައުންސިލްގެ ރައީސް ހޮވަން ކުޅުދުއްފުށިން ވޯޓު ދޭން ޖެހޭ: އީސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް، އެ އަތޮޅު ކުޅުދުއްފުށި ސިޓީގެ މީހުން ވެސް ވޯޓު ދޭން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީ ވެސް ހިމެނޭނީ އެ އަތޮޅުގެ އިދާރީ ދާއިރާތަކުގެ ތެރޭގައި ކަމަށާއި އެ ސިޓީގެ މީހުން ވެސް އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރަން ވޯޓު ދޭން ޖެހޭނެ ކަމަށާއި އެ ސިޓީގެ މޭޔަރަކީ އަތޮޅު ކައުންސިލްގެ މެންބަރެއް ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.
މިކަމުގައި އިލެކްޝަން އިން މިގޮތައް ނިންމަވާފައިވާތީ ބަޔެއްފަރާތްތަކުން އަކްރަމް އާއި ސުވާލު ކުރަމުން ބުނީ މާލެ އަތޮޅު ކައުންސިލް ރައީސް ހޮވަން މާލޭ ރައްޔިތުންނަށް ވޯޓް ލެވޭނެތޯ އެވެ. އެސުވާލަށް ޖަވާބު ދެއްވަމުން އަކުރަމް ބުނެފައިވަނީ ގާނޫނުގައި ވާ ގޮތުން މާލެ އަކީ ވަކި އިދާރީ ދާއިރާއެއް ކަމަށެވެ.
އެކަމަށް ބާރު ދެއްވާ އަކްރަމް ފާހަގަ ކުރެއްވީ މަޖިލީހުން އެންމެ ފަހުން ފާސްކުރި ލާމަރުކަޒީ ގާނޫނުގައި މިހާރު އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް ބަޔާން ކުރާ މާއްދާ އެވެ. އެ މާއްދާގައިވާ ގޮތުން އަތޮޅު ކައުންސިލް އެކުވެލިގެން ވަނީ މުޅި އަތޮޅުގެ ރައްޔިތުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސްއަކާއި، އަތޮޅުގައި ހިމެނޭ ކޮންމެ ރަށު ކައުންސިލެއްގެ ރައީސް އަދި އަތޮޅުގައި ސިޓީއެއް ހިމެނޭ ނަމަ އެ ސިޓީއެއްގެ މޭޔަރެއްގެ މައްޗަށެވެ.
ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މި ފެށުނު 2020 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.