ޚަބަރު

އެޗްޕީއޭގެ ވެބްސައިޓް ހެކް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ވެބްސައިޓް ހެކް ކޮށްފިއެވެ.

Ads by MWSC

އެޗްޕީއޭގެ ވެބްސައިޓް ޑައުންވެފައިވާއިރު، ސައިޓް ހެކް ކުރުމަށް ފަހު އާންމު ކޮށްފައިވާ އިންޒާރުގެ ވީޑިއޯ މެސެޖެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ކާކުކަން ނޭނގޭ ގޮތަށް މީހަކު ސަރުކާރަށް އިންޒާރުގެ މެސެޖެއް ދެއެވެ.

އިންޒާރުގެ އެ މެސެޖުގައި ސަރުކާރުގެ ނެޓްވޯކްތައް ހެކްކޮށް، މައުލޫމާތުތައް ލީކްކޮށްލާނެ ކަމަށް އިންޒާރު ދީފައިވެއެވެ.

އަދި ރައްޔިތުންނަށް ފައިދާވާ ގޮތްގޮތަށް ސިޔާސަތުތައް ބަދަލު ނުކުރާނަމަ ސަރުކާރުގެ ނެޓްވޯކުތަކާއި ފައިނޭޝަލް އިންފްރާސްޓްރަކްޗާ ހަލާކޮށްލާނެ ކަމަށްވެސް އެ އިންޒާރުގައި ބުނެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަންކަން ނުކުރާ ކަމަށާއި އިންޑިއާގެ "ފޭޝިސްޓު ސަރުކާރުން" މި ގައުމުގެ މައްޗަށް ވެރިވެގެންފައިވާ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.

އަދި މަޖިލީހުގެ މެމްބަރުންނަށްވެސް އެ ގައުމުން ފައިސާ ދީފައިވާ ކަމަށް ދޭހަވާ ގޮތަކަށް އެ މެސެޖުގައި ވާހަކަ ދައްކާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ 99 ޕަސެންޓުގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި ވަރަށް އަވަހަށް މީހުންނަށް ކާނާގެ ދަތިކަން ކުރިމަތިވެ މަގުމަތިވާން ފަށާނެ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ.

އަދި ސަރުކާރުގެ ވުޒާރާތަކުން ރައްޔިތުންނަށް އޮޅުވާލައި ދޮގު މައުލޫމާތު ދެމުންދާ ކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެޗްޕީއޭގެ ވެބްސައިޓު ހެކް ކުރި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!