މަޑުއްވަރީން އިތުރު 3 މީހަކު ހައްޔަރުކޮށްފި
ހަރުކަށި ފިކުރު ގެންގުޅޭ މީހުނާ ދެކޮޅަށް ފުލުހުން ފަށާފައިވާ ވަރުގަދަ އޮޕަރޭޝަނުގައި އިއްޔެ ވެސް ރ. މަޑުއްވަރީން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހަރުކަށި ފިކުރު އެންމެ ބޮޑަށް އޮތް ކަމަށް ބުނާ މަޑުއްވަރީގައި ފުލުހުންގެ އޮޕަރޭޝަން ފެށީ ހުސްވި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.
ފުލުހުންގެ ޓީމަކުން ރަށަށް އަރައި ބަލާ ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ތިން މީހުންގެ ބަންދުވެސް ކޯޓުން މިހާރު ވަނީ އިތުރު ކޮށްފައެވެ.
އިއްޔެ އިތުރު ތިން މީހަކު ހައްޔަރުކުރި އިރު އެއީ 22، 26 އަދި 28 އަހަރުގެ ޒުވާނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މަޑުއްވަރީގައި ހަރުކަށި ފިކުރު އޮތް މިންވަރު ހާމަވެގެން ދިޔައީ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ޒުވާނަކަށް ވަޅިން ހަމަލާ ދިނުމަށް ފަހުގައެވެ. އޭނާ ސަލާމަތްވާން މޫދަށް ފުންމާލިއިރު އޭނާއަކީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ އިނދެގެން ކަމަށް ބުނާ މީހެކެވެ.
އެކުއްޖާ ބަލިވެ އިނުމުގެ ސަބަބުން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ހައްޔަރުކޮށްފައިވާއިރު އެކުއްޖާގެ މައިންބަފައިން ވެސް ވަނީ ހައްޔަރުކޮށް ދައުވާ އުފުލަން ފޮނުވާފައެވެ.