"ޕްރިވިލެޖްޑް ކާޑު" ހޯދަންވީ މިހެންވެ!
މިފަހަކަށް އައިސް ވަރަށް ގިނައިން ފެންނަމުން އަންނަ މަންޒަރެކެވެ. އެތައް ބައިވަރު ފަންނާނުންތަކެއް "ޕްރިވިލެޖްޑް" ކާޑެއް ހޯދައި އިޝްތިހާރު ކުރަމުން އަންނަ މަންޒަރެވެ. ބަލާލަން ވެސް އެހާމެ ހިތްގައިމު މިކާޑަކީ ކޮން ބޭނުމެއް ކުރެވޭ އެއްޗެއްތޯ އެނގެން ބޭނުންވާ އެތައް ބަޔަކު ތިބިކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
"ޕްރިވިލެޖްޑް މޯލްޑިވްސް" އިން އުފައްދާފައިވާ މިކާޑާ ބެހޭ ގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އެތަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މޫސާ ނާސިޙް ވިދާޅުވީ މިކާޑުތައް އެންމެ ފުރަތަމަ އިފްތިތާހު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކަމަށާއި އެފަހަރު ވެސް 3000 ކާޑު ދޫކުރި ކަމަށެވެ.
އެރޭ 8:20 ގައި އެޕްލިކޭޝަންތައް ހުޅުވާލިއިރު، 20:20 އާއި 00:00 އާ ދެމެދު 13،000 އެއްހާ އެޕްލިކޭޝަން ލިބުނު ކަމަށާއި ނަމަވެސް އޭގެ ތެރެއިން ކާޑު ދޫކުރީ "އެލިޖިބަލް" 3000 މީހުންނަށް ކަމަށް ވެސް ނާސިޙު ވިދާޅުވެފައިވެއެވެ.
"ޕްރިވިލެޖްޑް ކާޑު" އެރޭ އިފްތިތާހް ކޮށްފައިވާއިރު، ރާއްޖޭގެ މަގުބޫލުކަން ލިބިފައިވާ 50 އަށްވުރެ ގިނަ ވިޔަފާރިތަކާއެކު ޒަމާނީ ގިނަ ފަސޭހަތަކަކާއި އަދި ގިނަ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް ޕްރިވިލެޖްޑް މޯލްޑިވްސްގެ ވެބްސައިޓް، މިމަހުގެ 1 ވަނަ ދުވަހު 20:20 ގައި ވަނީ އިފްތިތާހު ކޮށްފައެވެ.
"މިއީ ޕްރިވިލެޖްޑް މޯލްޑިވްސްގެ މެމްބަރުންނަށް، ވެބްސައިޓުގައި ހިމަނާލެވިފައިވާ ކެޓަގަރީތަކުގެ ތެރެއިން ޕްރިވިލެޖްޑް ޕާރޓްނަރޝިޕް ހަދާފައިވާ ވިޔަފާރިތަކުން %5 އާއި %50 އާ ދެމެދުގެ ޑިސްކައުންޓެއް ލިބޭ ގޮތަށް އިންތިޒާމުކޮށްގެން ތަޢާރަފް ކުރެވިފައިވާ ވެބްސައިޓެއް" ނާސިޙު ވިދާޅުވިއެވެ.
މި ޕްލެޓްފޯމް ޑިޒައިންކޮށް ބައްޓަންކުރެވިފައި ވަނީ ޕްރިވިލެޖްޑް މެމްބަރުންނަށް ކާޑު މެދުވެރިކޮށް އަގުހެޔޮކޮށް ވިޔަފާރިތަކެއް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. މީގެ އިތުރުން މިއީ ޕާޓްނަރުންގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް ކަސްޓަމަރުންނާ ވީހާ ވެސް ގާތް ގުޅުމެއް އުފެއްދޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށް ޕްރިވިލެޖްޑް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.
"ޕްރިވިލެޖްޑް މެމްބަރަކަށް ވުމަށްޓަކައި މެމްބަރުންނާއި ޕްރިވިލެޖްޑް ޕާރޓްނަރުންގެ ފަރާތުން ލިބެމުން ދިޔަ ތަރުޙީބުގެ ސަބަބުން އަޅުގަނޑުމެން ގަސްދުކުރީ މިމަހު ދެވަނަ އެޑިޝަންގެ 3000 ކާޑު ދޫކުރުމަށް. ޕްރިވިލެޖްޑް މެމްބަރަކަށް ވުމުން ހަމައެކަނި ލިބިގެންދާ ފައިދާ އަކީ ޕްރިވިލެޖްޑް ޕާރޓްނަރުންގެ ފަރާތުން ޑިސްކައުންޓް ލިބުމެއް ނޫން، ކާޑުން ވިޔަފާރި ކޮށްލުމުން 'ރިޑީމަބަލް ޕޮއިންޓްސް' ވެސް ލިބިގެން ދާނެ. މި ޕޮއިންޓްސްތައް ބޭނުން ކޮށްގެން އޮންލައިންކޮށް ވިޔަފާރި ވެސް ކޮށްލުމުގެ ފުރުސަތު ކާޑުގެ މެމްބަރުންނަށް ލިބިގެން ދާނެ" ޕްރިވިލެޖްޑް މޯލްޑިވްސް ގެ ސީއީއޯ ވިދާޅުވިއެވެ.
ޕްރިވިލްޖްޑް މޯލްޑިވްސްގެ ވެބްސައިޓުގައި ހިމެނޭ ބައެއް ކެޓަގަރީތަކުގެ ތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ފާސްޓްފޫޑް، ސެލޫން، ސްޕާ، ޖިމް އަދި ފިޓްނަސް އާއި ފެޝަންގެ އިތުރުން އެކޮމޮޑޭޝަން ހިމެނެއެވެ.
ޕްރިވިލެޖްޑްއިން ބުނީ ވެބްސައިޓުގެ ކެޓަގަރީތަކުގައި ހިމަނާ ވަނީ މިހާރު ރާއްޖޭގައި މަޝްހޫރު އަދި ގިނަ އަދަދެއްގެ މީހުންގެ މަޤުބޫލުކަން ލިބިފައިވާ ވިޔަފާރިތަކާއި އައުޓްލެޓްތައް ކަމަށެވެ. މި ވެބްސައިޓުގައި ހިމަނާފައިވާ ކޮންމެ ވިޔަފާރިއަކުން މެމްބަރުންނަށް ޑިސްކައުންޓްތަކާއި އަދި ކާޑަށް ރިޑީމަބަލް ޕޮއިންޓްސް ވެސް ލިބެއެވެ.
ނާސިޙް ވިދާޅުވި ގޮތުގައި މި ވެބްސައިޓުން ވިޔަފާރިތަކަށް ލޯކަލް އަދި އިންޓަނޭޝަނަލް 'އެކްސްޕޯޝަރ' ލިބިގެން ދާނެއެވެ. އެއީ ލޯކަލް ކާޑާއި ޓޫރިސްޓް ކާޑް މެދުވެރިކޮށެވެ. އަދި ޕްރިވިލެޖްޑް ޕާރޓްނަރަކަށް ވުމަށްފަހު މެމްބަރުންގެ މެދުގައި ވިޔަފާރިތަކުގެ މާރކެޓިން ކުރުމުގެ ޒިންމާ ވެސް ޕްރިވިލެޖްޑްއިން އުފުލާނެ ކަމަށާއި މީގެ އިތުރުން މަހުން މަހަށް ނިއުސްލެޓަރ ފޮނުވައި އެ ވިޔަފާތިތަކުގެ ލޯޔަލް ކަސްޓަމަރުންނަށް ޕްރިވިލެޖްޑް ކާރޑް ލިބޭނެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
މި ޕްލެޓްފޯމްއަކީ ރާއްޖޭގެ ވިޔަފާރިތައް ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ހޯދައިދޭނެ ފަދަ ގޮތަކަށް ބައްޓަން ކޮށްފައިވާ ޕްލެޓްފޯމެއް ކަމަށާއި މީގެ އިތުރުން ވިޔާފާރިތައް ފުޅާވެ، ވަރުގަދަ ވެގެން ދިޔުމުގެ އިތުރުން ވިޔަފާރިތައް އުފެއްދުމަށް ވެސް ހިތްވަރު ލިބިގެންދާނެ ކަމަށް ނާސިޙު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ އިތުރުން ޕްރިވިލެޖްޑް ޕާރޓްނަރަކަށް ވުމުގެ ފުރުސަތު އަދިވެސް އެބޮތް ކަމަށް ވެސް މަޢުލޫމާތު ދެއްވިއެވެ.
ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ އިތުރުން ރާއްޖޭގެ ފަންނާނުންނާއި އުފެއްދުންތެރިންނާއި މަސްކަތްތެރިންގެ ހުނަރާއި ގާބިލްކަން ޕްރޮމޯޓްކޮށް އެއް ޕްލެޓްފޯމަކަށް ގެނައުމަކީ ވެސް ޕްރިވިލެޖްޑް މޯލްޑިވްސްގެ އެއް ބޭނުން ކަމަށް ޕްރިވިލެޖްޑް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.
އެގޮތުން ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުންތަކެއްގެ ޕްރޮފައިލް މިހާރު ވެބްސައިޓްގައި ހިމަނާފައިވާ ކަމަށާއި އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިންނާއި ޓިކްޓޮކް ފަންނާނުންނާއި ފިލްމީ ތަރިންނާއި މިއުޒިޝަނުންނާއި ފޮޓޯގްރާފަރުންނާއި ސޯޝަލް މީޑިއާގައި ފިޔަޖަހަމުން އަންނަ ފަންނާނުން ހިމެނޭ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
"މިއީ މި ފަންނާނުންނަށް އިތުރު ފުރުސަތުތައް ފަހުކޮށްދީ ޕްރޮމޯޓްވުމަށް ލިބޭނެ ވަރަށް ރަނގަޅު ޕްލެޓްފޯމެއް. މި ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތައް ކުރުމަށް ރާވާފައިވޭ. މިއީ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ވިޔަފާރިތަކަށް ވެސް ލިބޭނެ ފުރުސަތެއް. އެއް ޕްލެޓްފޯމެއްގެ ތެރެއިން މި ހުރިހާ ކަމެއް ހަމަޖެހިގެން ދިއުމަކީ ވެސް ޕްރިވިލެޖްޑް މޯލްޑިވްސްގެ އެއް މަގުސަދު" ޕްރިވިލެޖްޑް މޯލްޑިވްސްގެ ސީއީއޯ ވިދާޅުވިއެވެ.