ޚަބަރު

ފެންފުށީގައި ފުލުހުންނަށް އިންޒާރުދީ މުދަލަށް ގެއްލުން ދިން 7 މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ

އދ. ފެންފުށީގައި ފުލުހުންނަށް އިންޒާރުދީ، މުދަލަށް ގެއްލުން ދިން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހުން އިންޒާރު ދީފައިވަނީ އެރަށުގައި މަސްތުވާތަކެތި ބޭނުން ކުރާ ބަޔަކު މަގުމަތިން ހުއްޓުވާ ޗެކު ކުރުން ގިނަވުމާއި މާލެ ނުވަތަ އެހެން ރަށަކުން ފެންފުއްޓަށް އަންނަ ފޮށިގަނޑުތަކުގެ ތެރޭގައި އެމީހުންނަށް ނިސްބަތްވާ ތަކެތި މާ ގިނައިން ޗެކު ކުރާ ކަމަށް ބުނެ އެކަމާ ހިތްހަމަ ނުޖެހިގެން އެރަށު ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ބިރު ދައްކާ ފުލުހުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

މި މައްސަލާގައި ރޭ 23:30 އެހާއިރު ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ. ހައްޔަރުކުރި އެންމެނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ ހަތް މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު އދ. އޮމަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިއުމުން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށާއި އަދި ބާކީ ތިބި ފަސް މީހުންނަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!