ކުޅިވަރު

ރާއްޖޭގައި ފްރީ ސްޓައިލް ކުރިއެރުވުމަށް ސައިފްގެ އަމިއްލަ ބްރޭންޑެއް ލޯންޗުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖޭގައި ބޭއްވި ރެޑްބުލް ސްޓްރީޓް ސްޓައިލުން ދެ ފަހަރު ޗެމްޕިއަންކަން ހޯދައިފައިވާ މުހައްމަދު ސައިފް ޒާހިރު ، ފްރީ ސްޓައިލް ރާއްޖޭގައި ކުރި އެރުވުމަށްޓަކައި އޭނާގެ އަމިއްލަ ބްރޭންޑެއް ތައާރަފް ކޮށްފިއެވެ.

Ads by STELCO

މި ބްރޭންޑް ލޯންޗު ކޮށްދެއްވީ މިރޭ މި ބްރޭންޑް ލޯންޗު ކުރުމަށް މާފަންނު ޔޫތު ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މިނިސްޓްރީ އޮފް ޔޫތު،ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަހްމަދު އިރާޝްއެވެ.

ސައިފްގެ މި ބްރޭންޑް ލޯންޗު ކޮށްފައި މިވަނީ އޭނާގެ 30 ވަނަ އުފަން ދުވަހުއެވެ. އޭނާގެ ބްރޭންޑްގެ ނަމަކީ “މުހައްމަދު ސައިފް ޒާހިރު”އެވެ.

މި ބްރޭންޑް ލޯންޗު ކުރުމުގެ ކުރިން “ދެން” އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސައިފް ބުނީ މި ބްރޭންޑަކީ ފްރީ ސްޓައިލް ރާއްޖޭގައި ކުރިއެރުވުމުގެ މަގްސަދުގައި އުފެއްދި ބްރޭންޑެއް ކަމަަށެވެ.

ރާއްޖޭގައި ފްރީ ސްޓައިލް ކުރާ ފަރާތްތަކުގެ ތެރެއިން ސައިފް އަކީ އެންމެ ފާހަގަ ކޮށްލެވޭ އެއް ނަމެވެ. ރާއްޖެ ތަމްސީލްކޮށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް އޭނާ މީގެ ކުރިން ވާދަކޮށްފައި އެބަހުއްޓެވެ. އޭނާ މިހާރުވެސް ދަނީ އަމިއްލަ ގޮތުން ކުދިން ފްރީ ސްޓައިލްއަށް ތަމްރީން ކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.

ސައިފް ބުނީ އޭނާގެ ބްރޭންޑް ލޯންޗު ކުރެވުމާއެކު އިތުރަށް މި މަސައްކަތް ފުޅާވެގެން ދާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް މި ބްރޭންޑްގެ ދަށުން ކުރަން ރާވާފައިވާ ކަމަކީ ފްރީ ސްޓައިލް އެކަޑަމީއެއް އުފެއްދުން ކަމުގައި ސައިފް ފާހަގަ ކުރިއެވެ. އަދި އެ މަސައްކަތް އިތުރަށް ފުޅާ ވަމުންދާ ވަރަކުން އިތުރު ކޯޗުން ނަގައިގެން ގިނަ ކުދިންތަކެއް ފްރީ ސްޓައިލްއަަށް ތަމްރީން ކުރުމަކީ އޭނާގެ އުއްމީދު ކަމުގައި ވެސް ސައިފް ބުންޏެވެ.

ސައިފް އަކީ ޔޫތު ކައުންސިލްގެ ވެސް މެންބަރެކެވެ. އެހެންކަމުން ސައިފްގެ މި ބްރޭންޑްގެ މަސައްކަތްތައް ބިނާ ވާނީ ހަމައެކަނި ފްރީ ސްޓައިލްގެ މައްޗަށް ނޫން ކަމުގައި ސައިފް ފާހަގަ ކުރިއެވެ. އެނޫން ވެސް ޒުވާނުންނަށް ފައިދާ ވާނެ އެތައް ކަމެއް ކުރިއަށް ގެންދަން ވިސްނާ ކަމުގައި ސައިފް ފާހަ ކުރިއެެވެ.

މިރޭގެ ރަސްމިއްޔާތުގައި ސައިފް ވަނީ އޭނާގެ ދެ ބްރޭންޑް އެމްބެސެޑަރަކާއެކު ވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެގޮތުން އަލްފާ ޑެން އަދި ކެޕްޓަން މޯލްޑިވްސްއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި ސައިފް ބްރޭންޑްގެ އޮފިޝަލް ފޮޓޯގްރާފަރަކާއެކު ވެސް ވަނީ ސޮއި ކުރެވިފައެވެ.

އެގޮތުުން އަލްފާ ޑެން އަކީ ސައިފް ބްރޭންޑްގެ ގްރޫމިން ޕާރޓްނާ އެވެ. އަދި ކެޕްޓަން މޯލްޑިވްސް އަކީ ކިޓް ޕާރޓްނާ އެވެ. އޮފިޝަލް ފޮޓޯ ގްރާފަރ އެއްގެ ގޮތުގައި ސޮއި ކުރީ ޝަމުއްކޮ ފޮޓޯގްރަފީއާ އެކުގައެވެ.

ސައިފްގެ މި ބްރޭންޑުގެ ލޯގޯ ފަރުމާ ކޮށްދީފައިވަނީ ބޮހީމިއަން އެވެ. ސައިފް ވަނީ އެކަމަށްޓަކައި ބޮހީމިއަން އަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. އަދި ސައިފްގެ ފަހަތުގައި ވަރަށް ވަރުގަދަ މާރކެޓިންގ ޓީމެއްވެސް އެބައޮތް ކަމަށާއި އެ ޓީމަށްވެސް ހާއްސަ ޝުކުރެއް އަދާ ކުރަން ބޭނުން ކަމަށް ސައިފް ބުންޏެވެ.

އަޅުގަނޑާއި “ދެން” ޓީމުގެ ފަރާތުން ސައިފަށް އޭނާގެ މަސައްކަތުގައި ކާމިޔާބީއަށް އެދެމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!