ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ ފެރީއެއް އަންނަނީ
ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިއާ އިން ތައްޔާރު ވެއްޖެއެވެ.
އެގޮތުން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ 200 މީހުން ބަލާ އެ ގައުމުގެ ފެރީއެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ފެރީއިން ފުރަތަމަ ގެންދަން ހަމަޖެހިފައިވަނީ 200 މީހުން ނަމަވެސް ރާއްޖޭގައި މިވަގުތު އިންޑިއާގެ ދެ ހާހެއް ރައްޔިތުން ހާލުގައި ޖެހިފައިތިބި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އިން ހާމަކޮށްފައިވާ ކަމަށް މި ރިޕޯޓުތަކުގައި ވެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާ ހަވަލާދީ އިންޑިއާގެ ގިނަ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފެރީ ދަތުރުކުރާނީ މާލެއިން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޗިން އަށެވެ. ނަމަވެސް ފެރީ ދަތުރު ހަމަޖެހިފައިވަނީ ކޮން ދުވަހަކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މާލެއިން ކޮޗީ އަށް ފެރީގައި ކުރާ މި ދަތުރަށް 48 ގަޑިއިރު ހޭދަވާނެއެވެ.
މި ފެރީން އެނބުރި އިންޑިއާ އަށް ދާ ހުރިހާ މީހުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭއިރު އިންޑިއާ އަށް ގެންދާ މީހުންގެ ތެރެއިން އެންމެ ބޮޑަށް އިސްކަމެއް ދެނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.