ޚަބަރު

ޖަލު ހަމައަކަށް އެޅި، ގައިދީން ބަސް އަހައިފި: މުނާޒު

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ހަފްތާއިން ފެށިގެން ޖަލުގައި ހިނގި ހަމަނުޖެހުންތައް މިހާރު އެކަން ހަމައަކަށް އެޅިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުނާޒް ވަނީ ޖަލުތަކުގައި ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބު ހާމަކޮށްދެއްވައިފަ އެވެ.

މުނާޒް ވިދާޅުވީ ވޭތުވެދިޔަ 12 ގަޑިއިރުގެ ތެރޭގައި ގައިދީން އެއްވެސް ކަމެއް ހިންގާފައި ނުވާ ކަމަށެވެ. ހަމަނުޖެހުން ބޮޑުވީ ޝަރީއަތް ނިމެންދެން "ވާނުވާ" ޖަހާފައި ބައިތިއްބާ ރިމާންޑް ގޮޅިއެއްގައި ކަމަށާއި އިތުރު ހަ ގޮޅިއަކުން އެ މީހުންނާ ބައިވެރިވި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފުށީ ޖަލުގައި ތިބި ގައިދީންނާ ބައިވެރިވުމުގެ ގޮތުން މާލޭ ޖަލުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް އުފައްދައި ގޮޅިތެރޭގައި ބެޑްޝީޓެއްގައި ރޯކޮށްލައި ބޭރަށް އެއްލައިލި އެވެ.

މުނާޒް މިއަދު ވިދާޅުވީ އިންސްޕެކްޓާ އޮފް ކަރެކްޝަންސް އަހްމަދު މުހައްމަދާއި ކަރެކްޝަންސަށް ބައްދަލުވުމަށް ދިޔަ ދެ ފުލުހުންގެ ހާޒިރުގައި ގޮޅިއެއް ފާސްކުރަން އުޅުނީ ގައިދީންތަކެއް އެކަކު އަނެކަކަށް ހަމަލާދީގެން ކަމަށެވެ.

ޖަލުތަކުގެ ހާލަތު މިހާރު ރަނގަޅުކަން ސާބިތުކޮށްދެއްވަން މުނާޒް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު ޖަލުގެ އާބާދީ އަށް ވުރެ 40 ޕަސެންޓު އިތުރަށް މީހުން ބަންދުކޮށްފައި ތިބި ކަމަށެވެ. އެއާއެކު ޖަލުގެ ތޮއްޖެހުން އިތުރުވެފައިވާ އިރު ކުރީގެ ސަރުކާރުގެ ފަސް އަހަރު ވެސް ޖަލުގެ ޖާގަ އިތުރުކުރަން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަަމަށް ވިދާޅުވި އެވެ.

މުނާޒު ވިދާޅުވީ ގައިދީންނަށް ބޭސްފަރުވާ ކުރުމުގެ ކަންކަން ކުރިއަށް ވުރެ ރަނގަޅަށް ހިނގަމުން ދާކަމާއި އަދި ހުކުމެއް ނައިސް ޖަލުގައި ތިބި މީހުންގެ ކަންކަން އަވަސްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި ކަންކަން ހައްލުކުރުމުގައި ކަރެކްޝަންސް އަށް ހުރި ގޮންޖެހުންތައް ބަންދުގައި ތިބި މީހުންނަށް ވިސްނައިދޭން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

މުނާޒް ވިދާޅުވީ ޖަލުތަކުގައި ޑޮކްޓަރުންނާ ނަރުހުން ތިބޭނެ ކަމަށާއި، މިހާރު ގައިދީއަކު ބަލިވެއްޖެނަމަ ޖަލުގައި ފަރުވާދެވޭނެ ކަމަށެވެ. ނަމަވެސް މައްސަލަ ދިމާވަނީ ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭ ހިސާބުން ކަމަށާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުން ލަސްވުމަކީ މުޅި ގައުމަށް ދިމާވެފައިވާ މައްސަލައެއްކަން މުނާޒް ފާހަގަ ކުރެއްވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!