ޚަބަރު

ރާއްޖެއިން އިންޑިއާއަށް ގެންދާ މީހުންގެ ކަރަންޓީނުކުރުމުގެ ހަރަދު ދައްކަން ޖެހެނީ އަމިއްލައަށް: ހައި ކޮމިޝަން

ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ފެރީތަކެއް އައުމަށް ހަމަޖެހިފައިވާއިރު، އެނބުރި ދާ މީހުން ކަރަންޓީނު ކުރާނެ ކަމަށާއި ަކަރަންޓީނުގެ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ އެމީހަކު އަމިއްލައަށް ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ 700 ރައްޔިތުން އެގައުމަށް ގެންދަން ނިންމާފައިިވާ ކަމަށެވެ. އެކަމަށް ޓަކައި ފެރީއެއް ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ނަމަވެސް ފެރީ އޮންނާނެ ދުވަސްތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ފެރީގެ އޮންނަ ތާރީހުތައް ފަހުން އަންގާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި މި ފަދަ އެހެން ފެރީ ތަކުގެ އިންތިޒާމް ވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާ ހައި ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

މި ފެރީ ދަތުރުކުރާނީ މާލެއިން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޗިން އަށެވެ. މާލެއިން ކޮޗީ އަށް ފެރީގައި ކުރާ މި ދަތުރަށް 48 ގަޑިއިރު ހޭދަވާނެއެވެ.

މި ފެރީން އެނބުރި އިންޑިއާ އަށް ދާ ހުރިހާ މީހުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭއިރު އިންޑިއާ އަށް ގެންދާ މީހުންގެ ތެރެއިން އެންމެ ބޮޑަށް އިސްކަމެއް ދެނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!