ޚަބަރު

ދިވެހި މަންމަ އެއްގެ ދުލުން: "އަހަރެންގެ ހަގު ދަރި މިވަނީ ގައުމާ ހަވާލުކޮށްފައި"

ދެން އެމްވީ ، ދެން އޮންލައިން

ދިވެހި އަޚުންނާއި އުޚުތުންނަށް ހާއްސަކޮށް ފާތިމަތު ނަސީރު "އަހަރެން މިއަދު އަހަރެންގެ ދަރިފުޅު މިވަނީ ގައުމާއި ހަވާލުކޮށްފައި." ކަމުގައި ބުނެ ލިޔުނު މީސް މީޑިއާ ޕޯސްޓުން ގިނަ ބައެއްގެ ހިތްތަކަށް ވަނީ އަސަރުކޮށްފައެވެ. އަދި މި ޕޯސްޓު އަންނަނީ މީސް މީޑިއާ ގައި ވައިރަލް ވަމުންނެވެ.

ފާތިމަތު ވަނީ އޭނާގެ ދަރިފުޅު ވޮލިންޓިއަރު ކަމަށް ދޫކޮށްލި ވާހަކަ ކިޔައިދިފައެވެ. ފާތިމަތު ބުނެފައިވާ ގޮތުގައި އެއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މި ހާލަތުގައި ކޮންމެ މީހަކު ވެސް ބަލަންވީ އެމީހަކަށް ގައުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުމަށް ކަމުގައި ވެސް ފާތިމަތު ބުނެފައިވެއެވެ.

ފާތިމަތު ގެ ދަރިފުޅަކީ މެޑިސިން ކިޔަވާ ކުއްޖެކެވެ. އަދި ނިމުނީ އެންމެ އަހަރެއް ކަމުގައިވެސް އޭނާ ހާމަކޮށްފައިވެއެވެ.

ފާތިމަތުގެ ދަރިފުޅު އަންނަނީ ވޮލިންޓިއަރ ކޮށް މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ. ދަރިފުޅުގެ ފުރާނަ އަތް މައްޗަށް ލައިގެން ޓެސްޓު ހަދަމުން ދާއިރު އޭނާ ނެގި ބައެއް ސާމްޕަލް ތައް ފައްސިވެފައިވާ ކަންވެސް ފާތިމަތު ވަނީ އޭނާ ގެ ޕޯސްޓުގައި ހިއްސާކޮށްފައެވެ.

އެ ދަރިފުޅު ގައުމީ ހިދުމަތަށް ނެރެނީ ބަދަލުގައި އެއްވެސް އެއްޗެއް ލިބޭތީ ނޫން ކަން ފާހަގަކޮށް ފާތިމަތު ވަނީ ބައެއް ގޭގޭގެ މީހުން ކަންތައްކުރާ ގޮތް ވެސް ހިއްސާކޮށްފައެވެ.

"ނަމަވެސް ބައެއް ގޭގެއަށް ގޮސް ހަތްވަނަ ފަންގިފިލާއަށް ހަޒްމަޓް ސޫޓް ލައިގެން އަރާއިރު އެހެން ފްލޯތަކުން މީހުން އެކުދިންނާއި ދިމާލަށް ހަޅޭ ލަވަމުންދޭ. އެކުދިން މާނޭވާ ލަމުން އަރާ އިރުވެސް ބެލުމެއް ނެތި މިގޮތަށް ކަންތައް ކުރާތީ ހިތާމަ ކުރަން." ފާތިމަތު ގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

މީގެ އިތުރުން ފާތިމަތު ވަނީ އޭނާގެ ދިރިއުޅުމުގެ ބައެއް ހިތްދަތި ވާހަކަތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ކުޑައިރު މަންމަ ވަކިވެ ގޮސްފައިވާ ވާހަކަ ފާހަގަކޮށް ހަގު ދަރިފުޅު ވެސް ވަކިވި ކަމަށާއި އެކަމާއި ހިތާމަކުރާ ކަމަށް ފާތިމަތު ބުނެފައިވެއެވެ.

"ނަމަވެސް އަހަރެން ދަރިފުޅު މި ފޮނުވީ، ބަލި ވާއިރު ބަލި ވާނީ ހަމަ ކޮންމެވެސް މީހެއްގެ މަންމަ، ބައްޕަ، ބޭބެ، ދައްތަ، ކޮއްކޮ ނުވަތަ ދަރިފުޅު. އެމީހުނަށް ދެން ތިބި މީހުން އެހީ ނުވާނަމަ އެމީހުން ވެސް ދެރަވާނެ." ފާތިމަތު ބުނެފައިވެއެވެ.

ދަރިފުޅު ދިއުމަށް ފަހު އަދި ފެނުނީ އެންމެ ދުވަހެއްގައި ކަމަށާއި އެ ދުވަހު ވެސް އޭނާ އައީ ލެޕްޓޮޕް ބަލާ ކަމަށް ބުނެފައިވެއެވެ. "އަހަރެން ވަރަށް ދެރަވޭ. ދަރިފުޅު ދިޔަ ފަހުން އަދި މި ފެނުނީ އެންމެ ފަހަރަކު. އަހަރެން ދަރިފުޅާއި ލެޕްޓޮޕް ހަވާލު ކުރަން ކައިރިވާން އުޅުނީމަ ބުނީ ބޭގް ތިރީގައި ބަހައްޓާފައި މަންމަ ކައިރި ނުވާށޭ. ވަރަށް އަސަރު ކުރި." ފާތިމަތު އޭނާގެ އިހުސާސްތައް ކިޔައިދެމުން ބުނެފައިވެއެވެ.

ފާތިމަތު ގެ ޕޯސްޓު ނިންމާލާފައިވަނީ ދަރިފުޅާއި ދިމާވާނެ ދުވަހެއް ނޭނގޭ ކަމަށާއި ﷲ ގެ ހެޔޮ ރަހުމަތުގައި ލެހެއްޓެވުމަށާއި އަދި އޭނާ އެކުރާ ބުރަ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުން އެދި ދުއާ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!