ޖަލުގައި ޔާމީންގެ ރައްކާތެރިކަން ކަށަވަރު: މުނާޒު
ޖަލުގެ ގޮޅިތަކުގައި ހިނގާ އެއްވެސް ހަމަނުޖެހުމެއްގެ ސަބަބުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވިއެެވެ.
ކަރެކްޝަންސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުނާޒް ވިދާޅުވީ ޖަލުގައި ހިނގާ އެއްވެސް ހާދިސާ އެއް ނުވަތަ ހަމަނުޖެހުމެއްގެ ސަބަބުން ރައީސް ޔާމީނަކަށް ގެއްލުމެއް ނެތް ކަމަށާއި، އެމަނިކުފާނު ރައްކާތެރިވާނެ ކަމުގެ "ސަތޭކަ ޕަސެންޓު" ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިއުޅެނީ މުޅި ޖަލުގައި ކަމެއް ހިނގައިގެން ނޫން ކަމަށާއި، އެކަން ހިނގާފައި ވަނީ ޖަލުގެ ކުޑަ ޔުނިޓެއްގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ރައީސް ޔާމީންގެ ރައްކާތެރިކަން އޮންނާނެ ކަމަށް ސަތޭކަ އިންސައްތަ ކަށަވަރުު. އަދި ރައީސް ޔާމީނު ނޫނަސް އެހެން ގައިދީންގެ އަދި ބަންދު މީހުންގެވެސް ރައްކާތެރިކަނަ ކަށަވަރު ކަމާއި މެދު އެއްވެސް ޝައްކެއް ނެތް. މިއުޅެނީ މުޅި ޖަލުގައި ކަމެއް ހިނގައިގެނެެއް ނޫން. މިއުޅެނީ ޖަލުގެ ކުޑަ ޔުނިޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން" މުނާޒް ވިދާޅުވިއެވެ.
ނޫސްވެރިޔަކު ރައީސް ޔާމީންގެ ރައްކާތެރިކަން އޮތް މިންވަރާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލަށް މުނާޒު ޖަވާބު ދެއްވާފައި ވަނީ، ތަކުރުކޮށް އެސުވާލު އެތައް ފަހަރެއްގެ މަތިންކޮށް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި ނުރުހުން ފާޅުކުރަށް ފެށުމުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނާޒް ދެއްކެވި ވާހަކަފުޅު ތަކުގައި އޮޅުން އަރާ އެތައް ކަމެއް ހުރި ނަމަވެސް ނޫސްވެރިންނަށް އެކަންކަން ސާފުކުރުމަށް މުނާޒް ފުރުސަތެއް ނުދެއްވިއެވެ.
މުނާޒް ވަނީ ސުވާލު ކުރުމުގެ ފުރިސަތު ހުޅުވާލުމުގެ ކުރިން ކޮންމެ ނޫސްވެރިއަކަށް ދެވޭނީ އެއް ސުވާލު ކުރުމުގެ ފުރުސަތު ކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން އެތަނުގެ ތެރޭގައި ނޫސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.