އެބޯލާއަށް ބޭނުންކުރި ރެމްޑިސިވިއަރގެ 1000 ޑޯޒް އިންޑިޔާ އިން ޓެސްޓް ކުރަނީ
ކްލިނިކް ތަކުގައި ޓެސްޓްކޮށް، ކޮވިޑް-19 އަށް ފަރުވާ ކުރުމަށް އެންމެ ފުރަތަމަ ހުއްދަދެވުނު ބޭސް ކަމަށްވާ، ރެމްޑިސިވިއަރ ބޭނުން ކުރުމަށް އިންޑިޔާއިން ތައްޔާރު ވެއްޖެއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓަރޭޝަން އިން ހުއްދަ ދީފައިވާ މި ބޭހަކީ އިންޖެކްޝަނެއްގެ ޒަރީއާއިން ނާރަށް ފޮނުވާ ބޭހެކެވެ. މިއީ މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވުނު ބޭސް ތަކުގެ ތެރެއިން އެންމެ އެދެވޭ ނަތީޖާ ފެނިފައިވާ ބޭހެވެ.
ގިލީޑް ސައިންސަސްގެ ފަރާތުން އުފައްދާ މިބޭސް ދިނުމަށް އިރުޝާދު ދީފައިވަނީ ލޭގައި ހިމެނޭ އޮކްސިޖަން ލެވެލް ދަށްވުމުގެ ސަބަބުން ވެންޓިލޭޓަރުގެ އެހީގައި ނޭވާލާ ބަލިމީހުންނަށެވެ. އެބޯލާއަށް ފަރުވާ ކުރުމަށް އުފެއްދި މި ބޭސް ވަނީ މާރސް އަދި ސާރސް އަށް ބޭނުން ކުރުމަށްވެސް ތަހުލީލު ކޮށްފައެވެ. އަދި ކޮވިޑް-19 އަށް ކުރި ތަޙުލީލުތަކުން ވަނީ އުއްމީދީ ނަތީޖާތަކެއް ދައްކާފައެވެ. މިގޮތުން މި ބޭސް ދެވުނު މީހުންގެ ތެރެއިން 31 އިންސައްތަ މީހުން މި ބަލިން އަވަހަށް ޝިފާ ލިބުމުގައި އެހީތެރިކަން ލިބުނު ކަމަށްވަނީ ފާހަގަ ކުރެވިފައެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަން ޑިޒީޒަސް ގެ ޑިރެކްޓަރ ޑރ. އެންތޮނީ ފައުޗީ ވެސް ވަނީ، މިއީ މުހިންމު ކުރިއެރުމެއްކަމާ، މި ވަގުތަށް ކޮވިޑް-19 ފަރުވާ ކުރުމުގައި ގެންގުޅެންވީ މިންގަނޑަކީ މިއީ ކަން ފާހަގަ ކޮށްފައެވެ. މިބޭސް އުފައްދާ ކުންފުނި ގިލީޑް ސައިންސަސް އިންވަނީ، މި ބޭހުގެ 1.5 މިލިއަން ޑޯޒް އެމެރިކާއަށް ހަދިޔާ ކުރާނެކަން އިޢުލާން ކޮށްފައެވެ. ކޮންމެ ބަލި މީހަކަށް 10 ދުވަހަށް މި ބޭސް ދޭން ޖެހޭއިރު، މިއީ 150،000 ބަލި މީހުނަށް ފަރުވާ ކުރެވޭނެ އަދަދެކެވެ.
މި ބޭސް ބޭނުންކޮށްގެން ހެދި ހުރިހާ ދިރާސާއަކުން އެންމެ އެދެވޭ ނަތީޖާއެއް ދައްކާފައެއް ނުވެއެވެ. ގިލީޑް ގެ ފަރާތުން ގައުމު ތަކުގައި މި ބޭސް ޓެސްޓް ކުރާނެކަން އިޢުލާންކޮށްފައި ވީ ނަމަވެސް، ބޭހުގެ ސަޕްލައި މަދުވުމުގެ ސަބަބުން އިންޑިޔާ މި ލިސްޓުގައި ހިމެނިފައެއް ނުވެއެވެ. އެހެންކަމުން އިންޑިޔާއިން މި ޓެސްޓް ކުރާނީ އަމިއްލަ އަށެވެ. މި ގޮތުން މި ޓެސްޓް ކުރުމަށް ހަތަރު ހޮސްޕިޓަލަކުން ރެމްޑިސިވިއަރ ގެ 1000 ސާމްޕަލް ލިބިފައިވާކަން ޔޫނިއަން މިނިސްޓަރު ހަރްޝް ވަރުދަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.