ބުރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތްކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވެއްޖެ
މާލެއާ ހުޅުމާލެ ގުޅާލެވިފައިވާ ސިނަމާލެ ބުރިޖު ބޭނުން ކުރާ ފަރާތްތަކުގެ އަތުން އެއްވެސް ފީއެއް ނެގުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ޗައިނާ ސަރުކާރުގެ އެހީތެރިކަމުގައި ރައީސް ޔާމީން ސަރުކާރުގެ ދުވަސްވަރު އެޅި ބްރިޖުން އެއްވެސް ފީ އެއް ނެގުމަށް ނިންމާފައިވޭތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެކަހަލަ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށެވެ. ދަތުރުފަތުރު ކުރުމުގެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭ ކަމަށާއި އެ ނިޒާމު ރައްޔިތުންނަށް ޔަގީން ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ދަތުރުފަތުރު ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި އެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ ބްރިޖް ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވާން މާ ކުޑަދުވަސްކޮޅަކަށް ވެފައި ވުމުން އެކަން އެ ސަރުކާރުން ކޮށްފައެއް ނުވެއެވެ.