ލައިފްސްޓައިލް

މި އަވަށުގައި މީހުން ވާހަކަ ދައްކަނީ ތުމުން ފުމެގެން

ދެން އެމްވީ ، ދެން އޮންލައިން

ތުރުކީގެ ކުސްކޯއީ ކިޔާ އަވަށެއްގައި މީހުން ވާހަކަ ދައްކާ އުޅެނީ ދޫނި ގޮވާހެން ތުމުން ފުމެގެންނެވެ. މިއީ ތުރުކީގެ ބަސްތަކުގެ ތެރޭގައިވެސް ހިމެނިފައިވާ ބަހެކެވެ. ދަނޑުތަކުގައި މަސައްކަތް ކުރާ ދަނޑުވެރިން ދުރުދުރުގައި ތިބެގެން މުޢާމަލާތު ކުރުމަށްޓަކައި ބޭނުން ކުރަން ފެށި މިބަސް، އަވަށުގެ ކުދިބޮޑު އެންމެން ހިމެނޭހެން 10 ހާސް މީހުން މިހާރު ބޭނުން ކުރެއެވެ. ނަމަވެސް މޮބައިލް ފޯނުގެ ބޭނުން ކުރާ މީހުންގެ އަދަދު ގިނަ ވެފައިވުމާއި އެކު މި ބަސް ނެތިގެން ހިގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

2017 ވަނަ އަހަރުން ފެށިގެން ޔުނެސްކޯގެ، ހިމާޔަތް ކުރަންޖެހޭ ބަސްތަކުގެ ލިސްޓުގައި މި ބަސް ވަނީ ހިމަނާފައެވެ. މި ޑިސްޓްރިކްޓްގެ ޕްރައިމަރީ ސްކޫލްތަކުގައި، 2014 ވަނަ އަހަރުން ފެށިގެން މި ބަސް ކިޔަވައިދެއެވެ. އެހެންކަމަށްވުމާއެކު މި ބަހަކީ ހަމަ އެކަނި ބޮޑެތި މީހުނަށް ޚާއްސަ ބަހެއް ނޫނެވެ. މި އަވަށަށް ޒިޔާރަތް ކޮށްފި މީހަކަށް ކުޑަކުޑަ ކުދިން ވެސް ފަރިތަ ކަމާއެކު މި ބަހުރުވަ ބޭނުން ކުރާ އަޑު އިވޭނެއެވެ.

ކަޅުކަނޑުގެ އައްސޭރި ފަށާއި ގާތުން، ފަރުބަދަމަތީ ގައި އޮންނަ މި އަވަށުގައި އުޅެނީ ހުސް ދަނޑުވެރިންނެވެ. މި މީހުން އާންމުކޮށް ހައްދަނީ ސައިފަތާ، ޒުވާރިއާ އެހެނިހެން ގޮވާމެވެ. ކުކުޅާއި ގެރިބަކަރި ވެސް ގެންގުޅެއެވެ. މިއަވަށުގެ މީހުންނަކީ ވަރަށް ހިތްހެޔޮ، އޯގާތެރި އަދި މެހެމާންދާރީ އަދާ ކުރުމުގައި ފާހަގަ ކުރެވޭ ބައެކެވެ. އެކަކު އަނެކަކުގެ އެހީތެރިކަން ބޭނުންވިޔަސް، އަވަށު މީހެއްގެ ޖަނާޒާއެއް އޮތަސް މިގޮތަށް ތުމުން ފުމެގެން ވާހަކަ ދެއްކުމުން ގިނަބަޔަކަށް އަވަހަށް އިވުމަކީ ވަރަށް ބޮޑު ފަސޭހައެއްކަން އެ އަވަށު މީހުން ހާމަ ކުރެއެވެ.

250 އަށް ވުރެ ގިނަ ލަފްޒު ހިމެނޭ މި ބަސް ބޭނުންކުރަމުން އަންނަތާ 500 އަހަރު ވެދާނެކަމަށް ލަފާކުރެވެއެވެ.

ލޯބީގެ ވާހަކަތައް ނޫން ހުރިހާ ކަމަކަށް މި ބަސް ބޭނުން ކުރެއެވެ. މި ގޮތަށް ތުމުން ފުމެގެން ދައްކާ ވާހަކަ މޭލަކަށް ވުރެ ދުރަށް ވެސް ފޯރާކަމަށް ވެއެވެ. މިބަސް ނެތިދާނެކަމުގެ ބިރު ހީވެފައިވާތީ ކޮންމެ އަހަރަކު އެ ފަހަރު އޮންނަ ސަގާފީ ފެސްޓިވަލްގައި މި ބަސް ހުށައަޅައިދެއެވެ. މި އަވަށުގެ އިތުރުން ވެސް މިގޮތަށް ތުމުން ފުމެގެން ދޫނީގެ ބަހުރުވައިން ވާހަކަ ދައްކާ މީހުން އުޅެއެވެ. އެގޮތުން ކެނެރީ އައިލެންޑްސް، ގްރީސް، މެކްސިކޯ އަދި މޮޒަންބީކްގައިވެސް ފާހަގަ ކުރެވޭ ބޮޑު އާބާދީ އެއް މި ބަހުން މުޢާމަލާތުކޮށް އުޅެއެވެ.

މިބަހަށް އެންމެ ފަރިތަކަމަށް ފާހަގަ ކުރެވެނީ މިއަވަށުގައި އުޅޭ 46 އަހަރުގެ އަންހެނެއް ކަމަށްވާ މުޒޭޒް ކޯސެކް އެވެ. މީނާ ތުމުން ފުމޭ އަޑު، ހޭޒަލްނަޓް ދަނޑުތަކުގައި މަސައްކަތް ކުރާ މީހުނަށް ވަރަށް ދުރުން އިވޭނެއެވެ. މުޒޭޒް ވަނީ، ތުރުކީގެ ބޮޑުވަޒީރު ތައްޔިބް އުރްދުގާން އެ އަވަށަށް ޒިޔާރަތް ކުރުމުން، ދޫނީގެ ބަހުރުވައިން ރައީސަށް މަރުޙަބާ ކިޔާފައެވެ. މުޒޭޒް އަށް މި ބަސް ދަސްވީ ހައަހަރުން ފެށިގެން ބައްޕައާއެކު ދަނޑުގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް އޭނާ ވަނީ ހާމަ ކޮށްފައެވެ. މުޒޭޒް އޭނާ އަށް ލިބިފައިވާ ހުނަރު އޭނާގެ ދަރިންނަށް ދަސްކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުން 14 އަހަރުގެ ދަރިފުޅު، ތުމުން ފުމެގެން ތުރުކީގެ ގައުމީ ސަލާމް ވެސް ކިޔައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!