ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: އަހަރެންނަކަށް އަހަރެންގެ ބައްޕައެއް ނޭނގެއެވެ. އެހެނަސް އަހަރެން ބައްޕައަށް ހެޔޮދުއާ ކުރަމެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު ފެންނަމުންދާ މަންޒަރަކީ ޒިނޭ އާންމު ވަމުންދާ މަންޒަރެވެ. އެކަމަށް މީސްމީޑިއާގައި އެކި ގްރޫޕްތައް ހަދައިގެން އުޅޭއިރު ވެސް އެ މަންޒަރު ނުފެންނަ ކަމަށް ހަދައިގެން އެތައް ބަޔަކު ތިބި ކަމުގައި ވިޔަސް އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. މިއަދު އަޅުގަނޑުމެންނަށް އެއީ ލަދުވެތި އަމަލަކަށް ނުވެއެވެ. މާ ބޮޑު ކަމަކަށް އެކަމެއް ނުވެއެވެ. އެހެން ނަމަވެސް މިއީ އަޅުގަނޑުމެން ދެރަވެ ހިތާމަ ކުރަން ޖެހޭ ކަންކަމެވެ.

Ads by MWSC

މިއީ ދިވެހި ޒުވާނަކު އަޅުގަނޑަށް ކިޔައިދިން ވާހަކައެކެވެ. މި ވާހަކަ ތިޔަ ކިޔުންތެރިންނަށް އަޅުގަނޑު މި ދޫކޮށްލަނީ އިބުރަތަކަށް ވާނެ ކަމަށް އުއްމީދު ކޮށެވެ.

"އަހަރެން ވެސް ދުނިޔެއަށް އުފަންވީ އެހެން ކުދިންނެކޭ އެއްފަދައިން ފިތުރަތުގެ ސާފުކަން މަތީގައެވެ. އަހަރެންނަކީ މީހެއްގެ ހައްގަކަށް އަަރައިގަނެފައިވާ މީހެއް ނޫނެވެ. އަހަރެންނަކީ ކުށެއް ނެތް ތުއްތު މައުސޫމް ކުއްޖެއްގެ ގޮތުގައި ވީމެވެ.

އަހަރެން ކިރިޔާ ހަނދާން ހުންނަން ފެށީއްސުރެ ވެސް އަހަރެންނާ ދިމާއަަށް އެކި މީހުން ފާޑުފާޑު އެއްޗެހި ކިޔާ ހަނދާން ވެއެވެ. އެކުގައި އުޅޭ ކުދިން ވެސް މަލާމާތް ކުރުމުގެ ގޮތުން އެކި ކަހަލަ ނަންތަކުން ގޮވައި ހަދައެވެ. މައްސަލަ އަކީ ކޮބައިކަމެއް އޭރު އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ އާއިލާގެ ބައެއް މީހުން ވެސް އަހަރެން ދެކެ ރުޅި އާދެއެެވެ. އަހަރެންނާ ވާހަކަ ދައްކައި އުޅޭކަށް ބޭނުމެއް ނުވެއެވެ. އަހަރެންގެ ދެބެންގެ ދެދަރި ކުދިންނާ އެކު ހީ ސަކަރާތް ޖަހާ އުޅޭ ބޭބެމެން ދައްތަމެން ވެސް އަހަރެން ފެނުމުން މޫނު އަނބުރާލަނީ އަނެއް ފަރާތަށެވެ.

އަހަރެންގެ ރައްޓެހިން އަބަދުވެސް އެކުދިންގެ ބައްޕަގެ ރަނގަޅުކަމުގެ ވާހަކަ ކިޔައިދެއެވެ. އެކި ކަހަލަ ހަދިޔާ ގަނެދީ ގޮވައިގެން ދުއްވާލަން ދާ ވާހަކަ ކިޔައިދެއެވެ. ހަވީރު ވަގުތުގައި އެކުގައި ގުޑި އަރުވަން ނުވަތަ ކޮންމެވެސް އެހެން ސަކަރާތެއް ޖަހަން ދާ ވާހަކަ ކިޔައިދެއެވެ. ނަމަވެސް އަހަރެން ދުވަހަކު ވެސް އަހަރެންގެ ބައްޕައެއް ނުދެކެމެވެ. އަހަރެން މަންމައާ ވެސް ސުވާލު ކުރީމެވެ. ބައްޕަ ކޮބައިތޯއެވެ. އަހަރެންގެ ބައްޕަ ވީ ކޮންތާކު ތޯއެވެ. އެހެން ނަމަވެސް ދުވަހަކު ވެސް މަންމަ އެ ސުވާލަކަށް ޖަވާބެއް ނުދެއެވެ. މަންމަގެ ޖަވާބަކީ ހަނު ހުރުމެވެ.

އަހަރެންނަށް ވާނުވާ އެނގުނީ އަހަރެންގެ އުމުރުން 14 އަހަރުގައެވެ. އަހަރެން ދެކެ އާއިލާގެ ގިނަ ބަޔަކު އަދި މުޖުތަމައު ވެސް ނަފްރަތު ކުރަނީ އެންމެ ސަބަބަކަށް ޓަކައެވެ. އެއީ އަހަރެން ކުށެއް ކޮށްގެން ވީ ކަމެއް ނޫނެވެ. ނުވަތަ އަހަރެންނަށް އެމީހުންގެ ހައްގަކަށް އަރައިގަނެވިގެން ވީ ކަމެއް ވެސް ނޫނެވެ. އެއީ އަހަރެންގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބުން އަހަރެންނަށް ތަހައްމަލް ކުރަން ޖެހިފައިވާ ކަމެކެވެ. މަންމައާ ބައްޕަ ކުރި ކުށުގެ ޝަޒާ މިއަދު ލިބެނީ އަހަރެންނަށެވެ. އެ ދެމީހުން ކުރި ކުށުގެ ނަތީޖާ އަކީ އަހަރެން ކަމަށް ވާތީއެވެ.

އަހަރެން އެކަން އެނގުނު ދުވަހުވެސް އަހަރެންގެ މަންމަގެ ގާތުގައި އެތައް ފަހަރަކު އަހަރެންގެ ބައްޕަ ކޮބައިތޯ ސުވާލު ކުރީމެވެ. އޭނާ އަކީ ކާކުކަން އަހަރެންނަށް އަހަރެންގެ މަންމަ ބުނެދިނެވެ. އަދި އަހަރެންނަށް، އަހަރެންގެ ބައްޕަގެ ފޮޓޯގަނޑެއް ދެއްކިއެވެ.

އަހަރެންގެ މަންމަ އަކީ މިއަދު ތަގްވާވެރި އަންހެނެކެވެ. ކުރެވުނު ކުށަށް ލިބެން ޖެހޭ ހައްގު އަދަބު ވެސް މަންމަ ލިބިގަތެވެ. އަދި މިއަދު މަންމަ އަހަންނަށްޓަކައި އެތައް ގުރުބާނީ ތަކެއް ވަމުން އެބަދެއެވެ. ދުނިޔޭގެ ލަދާ މަންމަ ކުރިމަތި ލަނީ އަހަންނަށް ޓަކައެވެެ. އަހަރެންނާ ދިމާއަށް މީހުން ކިޔާ އެއްޗެހިން ވެސް ކަރުނަ އަޅަނީ އެ މަންމައެވެ. އެކަމުގައި މަންމަ ކުށްވެރި ކުރަނީ މަންމަގެ އަމިއްލަ ނަފްސެވެ.

އަހަރެންގެ މަންމަ އަހަރެންގެ ގާތުން އެދުނީ އެންމެ ކަމަކަށެވެ. ބައްޕަދެކެ ރުޅި ނައުމަށެވެ. ބައްޕަ އަހަންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް ބައްޕައަށް އަހަރެންގެ ހިތުގައި ނަފްރަތުގެ ހުޅު ރޯ ނުކުރުމަށެވެ. އަދި ބައްޕަ އަށް އަބަދުވެސް ހެޔޮ ދުއާ ކޮށްދިނުމަށެވެ. ދަރިއެއްގެ ހައިސިއްޔަތުން ބައްޕައަށް އަދާ ކުރަން ޖެހޭ ކޮންމެ ހައްގެއް ވެސް އަބަދުމެ އަދާ ކޮށްދިނުމަށެވެ.

އަހަރެން މަންމައަށް ވައުދުވީމެވެ. އަދި އަަހަރެން މިއަދު ކޮންމެ ނަމާދަކަށްފަހު އަހަރެންގެ ބައްޕައަށް ދުއާ ކުރަމެވެ. ބައްޕަައަށް ދުޅަހެޔޮ ސިއްހަތެއް ދެއްވާ ދުނިޔޭގައި ވެސް އާހިރަތުގައި ވެސް ހެޔޮކަން ދެއްވާ ނަރަކައިގެ އަަޒާބުން މިންޖު ކުރެއްވުމަށެވެ. އެ ބައްޕަ ދުނިޔޭގައި ހުރިކަމެއް ވެސް ނެތް ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ދުވަހަކު ލޮލަކަށް ވެސް ނުފެނެއެވެ. ނަމަވެސް އެއީ އަހަރެންގެ ބައްޕައެވެ. އަހަރެންގެ ބައްޕައަށް އަހަރެން ހެޔޮ ދުއާ ކުރާނަމެވެ."

މި ވާހަކަ އެ ޒުވާނާ ކިޔައިދިނީ ދެލޯ ކަރުނުން ފުރިފައިވާ ހާލުގައެވެ. އެ ޒުވާނާގެ ވާހަކަތައް އަޑުއަހަން އިން އިރު އަޅުގަނޑަށްވެސް ފުން އަސަރުތަކެއް ކުރުވިއެވެ. ހިތާހިތުން، އޭނާއަށް އުފާވެރި ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަޒްރަތުގައި ދުއާ ދެންނެވީމެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!