ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ އަންނަނީ އިންޑިއާގެ ދެ އަސްކަރީ މަނަވަރު

ދެން އެމްވީ ، ދެން އޮންލައިން

އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން ބަލާ ފޮނުވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބޮޑެތި މަނަވަރުތަކެއް ކަމުގައި އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އެގޮތުން އިންޑިއާގެ ދިފާއީ ތަރުޖަމާނަކާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބި މީހުން ގެންދަން ދެ މަނަވަރު އަދި ޔޫއޭއީގައި ތިބި މީހުން ގެންދަން މަނަވަރެއް ފޮނުވާފައިވާ ކަމަށެވެ. އައިއެންއެސް ޖަލަޝްވާ އާއި އައިއެންއެސް މަގަރު ހޯމަ ދުވަހުގެ ރޭ ރާއްޖެ އަށް ދަތުރު ފަށާފައިވާއިރު ދުބާއީ އަށް ފޮނުވާފައިވަނީ ސަދަން ނޭވަލް ކޮމާންޑުގެ އައިއެންއެސް ޝަރުދުލް އެވެ.

މި ފެރީ ދަތުރުކުރާނީ މާލެއިން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޗިން އަށެވެ. މާލެއިން ކޮޗީ އަށް ފެރީގައި ކުރާ މި ދަތުރަށް 48 ގަޑިއިރު ހޭދަވާނެއެވެ. މި ފެރީން އެނބުރި އިންޑިއާ އަށް ދާ ހުރިހާ މީހުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު ރާއްޖެ އަންނަ މަނަވަރުން ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައިވަނީ 700 މީހުނެވެ. ރާއްޖޭގައި 30،000 އާއި ގާތް ކުރާ އަދަދަކަށް އިންޑިއާ މީހުން ދިރިއުޅެއެވެ.

ދުބާއީ ގައި ވެސް އިންޑިއާގެ 3.4 މިލިއަން މީހުން އުޅޭއިރު އެނބުރި އިންޑިއާ އަށް ދާން ބޭނުންވެ ދެލައްކަ މީހުން ނަން ނޯޓްކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!