އެކި ގައުމުތަކުގައި ތާށިވެފައި ތިބި 14،800 މީހުން ގެނައުމަށް އިންޑިއާއިން 64 ފްލައިޓް ބާއްވަނީ
ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ގާއިމްކޮށްފައިވާ ލޮކްޑައުންގެ ސަބަބުން އެކިގައުމުތަކުއި ތާށިވެފައިވާ އިންޑިޔާގެ 14،800 މީހުން އަނބުރާ ގައުމަށް ގެނައުމަށް، މި މޭމަހުގެ 7 އިން ފެށިގެން 13 ގެ ނިޔަލަށް 64 ފްލައިޓް ބާއްވައިގެން މި މީހުން ގެނައުމުގެ މަސައްކަތް ކުރުމަށް އިންޑިޔާ ތައްޔާރު ވެއްޖެއެވެ.
އެއަރ އިންޑިޔާ އަދި އެއަރ އިންޑިޔާގެ ދަށުން ހިންގާ އެއާލައިންތަކުން ގެންނަން ހަމަޖެހިފައިވާ މީހުންނަކީ، ޔޫއޭއީ، އިނގިރޭސިވިލާތް، އެމެރިކާ، ޤަތަރު، ސައުދީ އަރަބިޔާ، ސިންގަޕޯރ މެލޭޝިޔާ، ފިލިޕީންސް، ބަނގްލަދޭޝް، ބަހްރައިން، ކުވޭތު އަދި އޮމާންގައި ތިބި މީހުންކަމަށް ސަރުކާރުން އިއްޔެވަނީ ހާމަ ކޮށްފައެވެ.
25 މާރޗްއިން ފެށިގެން އިންޑިޔާގައި ގާއިމްކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިހާރު ވަނީ 17 މޭ އާއި ހަމައަށް އިތުރުކޮށްފައެވެ. އަދި މި މުއްދަތުގައި ފަސިންޖަރުން އުފުލާ ހުރިހާ ފްލައިޓެއްވަނީ މެދު ކަނޑާލާފާއެވެ. އެހެން ކަމުން ބޭރުގައުމުތަކުގައި ތާށިވެފައިވާ އިންޑިޔާމީހުންގެ ތެރެއިން، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން، އެމީހުން އަމިއްލައަށް ޚަރަދުކޮށްގެން އަންނަން ބޭނުންނަމަ، ބައިބަޔަށް ބަހާލައިގެން، ވައިގެމަގުންނާއި، އަސްކަރީ މަނަވަރުތަކުގައި ކަނޑުގެ މަގުން ގެނެވޭނެ މަގު ފަހި ކޮށްދެއްވާނެކަން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިންވަނީ މިދިޔަ ހޯމަ ދުވަހު އިޢުލާން ކޮށްފައެވެ.
އެގޮތުން މޭ މަހުގެ 13-7 އަށް ޔޫއޭއީ އަށް 10 ފްލައިޓް، އެމެރިކާ އަދި އިނގިރޭސިވިލާތަށް 7 ފްލައިޓް، ސައުދީ އަރަބިޔާ އަދި ސިންގަޕޯރ އަށް 5 ފްލައިޓް ގެ އިތުރުން ޤަތަރަށް 2 ފްލައިޓް ފޮނުވާނެކަމަށް، ޕީ.ޓީ.އައި އަށް މައުލޫމާތު ދެމުން ސަރުކާރުގެ އޮފިޝަލް ހާމަ ކުރިއެވެ. އަދި ހަމަ މިގޮތަށް މެލޭޝިޔާ އަދި ބަނގްލަދޭޝް އަށް 7 ފްލައިޓް، ކުވޭތު އަދި ފިލިޕީންސް އަށް 5 ފްލައިޓް ގެ އިތުރުން އޮމާން އަދި ބަހްރެއިން އަށް ދެ ފްލައިޓް ބޭއްވުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މިހާރު ބާއްވަން ތައްޔާރުވާ 64 ފްލައިޓްގެ ތެރެއިން 15 ފްލައިޓެއް އޮޕަރޭޓް ކުރާނީ ކެރެލާއިންނެވެ. އަދި 11 ފްލައިޓް ދިއްލީ އިން ނާއި ޓަމިލްނާޑޫ އިން އޮޕްރޭޓް ކުރާއިރު، 7 ފްލައިޓެއް މަހާރަޝްޓްރާ އަދި ތެލަންގަނާއިން އޮޕަރޭޓް ކުރާނެއެވެ. ބާކީ ފްލައިޓްތައް ވެސް 5 ސްޓޭޓަކަށް ބަހާލައިގެން އެކަން ކުރުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށް ދާކަމަށް މައުލޫމާތު ލިބެއެވެ.