ލައިފްސްޓައިލް

"ފްލާވާ މޫން" : މިއަހަރުގެ ފަހު މާހަނދު، މާދަމާރޭ ފެންނާނެ

ދެން އެމްވީ

ފަލަކީ އިލްމުވެރިން ބުނާގޮތުގައި މިއަހަރަކީ މާހަނދާއި ފޯހަވިތައް ގިނަ އަހަރެކެވެ. އެގޮތުން މިހާތަނަށް މިއަހަރު މިހާތަނަށް ދެ މާހަނދު ފެނިފައިވާއިރު މިއަހަރުގެ އެންމެ ފަހު މާހަނދު، މާދަމާރޭ ފެންނާނެއެވެ. ރާއްޖެއަށް ވެސް މި ހަނދު ވަރަށް ސާފުކޮށް ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން ލަފާކުރެއެވެ.

މީގެ ކުރިން މި އަހަރުގެ މާޗު މަހުގެ 9 ވަނަ ދުވަހުވެސް ވަނީ މާހަނދެއް ފެނިފައެވެ. އަދި އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ވެސް ވަނީ ޕިންކްމޫން ނަމަކަށް ކިޔުނު މާހަނދެއް ފެނިފައެވެ. މި ދެ ހަނދު ވެސް ރާއްޖެ އަށް ވަރަށް ސާފުކޮށް ފެނިފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

މާދަމާ ރޭ ފެންނަން އުޅޭ ހަނދަށް ފްލާވާ މޫން ގެ ނަމުން ނަންދެވިފައިވަނީ މެއި މަހަކީ ބަހާރު މޫސުމުގެ ދުވަސްވަރަށް ވެފައި މާމެލާމެލި ފޮޅޭ މިންވަރު އެދުވަސްވަރު އިތުރުވާތީއެވެ.

މި ހަނދަށް އިތުރު ފުރިހަމަ ކަމެއް ގެނުވަނީ ކޮވިޑް19 އާއި ގުޅިގެން ޖައްވު ސާފުވެ ހަނދު އަލިގަދަވެފައި ފެންނަލެއް ބޮޑުވާނެތީ ކަމުގައި ކަމާބެހޭ މާހިރުން ބުނެއެވެ.

ސުޕަރ މޫން ނުވަތަ މާހަނދޭ ކިޔަނީ، ބިމުގެ ވަށައިގެން ހަނދު ދައުރު ކުރަމުންދާ ދިއުމުގައި ބިމާ ހަނދާ އެންމެ ކައިރީގައި ވާ ދުވަހު ފުރިހަމަ ހަނދެއް (ފުލް މޫން އެއް) ފެންނަ ގޮތް ވުމެވެ. ހަނދު ބިމުގެ ވަށައިގެން ދަތުރުކުރާ ކުރުމުގައި، ހަނދު ބިމާ ވަރަށް ކައިރީގައި ހުންނަ ވަގުތަކާއި، ހަނދު ބިމާ ވަރަށް ދުރުގައިވާ ވަގުތެއް އާދެއެވެ. ހަނދު ބިމާ އެންމެ ކައިރީގައި ހުންނަ ވަގުތަށް ކިޔަނީ [ޕެރިޖީ] އެވެ. ހަނދު ބިމާ އެންމެ ދުރުގައި ހުންނަ ވަގުތަށް ކިޔަނީ [އެޕޮޖީ] އެވެ.

ބިމާއި ހަނދާ ދެމެދުގައިވާ އެވްރެޖް ދުރުމިނަކީ 238,000 މޭލެވެ. ހަނދު ޕެރިޖީގައި ހުންނައިރު ބިމާ 223,000 މޭލު ކައިރިއަށް އާދެއެވެ. ހަނދު އެޕޮޖީގައި ހުންނަ ވަގުތު ހަނދު ހުންނާނީ 253,000 މޭލު ދުރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!