ޔައުގޫބުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ޔައުގޫބްގެ މައްޗަށް މިމައްސަލަ ހުށަހަޅާފައިވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކޮށް އެ މަގާމު ބަލައިގަތުމުންނެވެ.
މިމައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން އޮންލައިންކޮށް ބޭއްވިނަމަވެސް، މިއަދު ބޭއްވި ހުކުމް ކުރުމުގެ އަޑުއެހުން ބޭއްވީ ސުޕްރީމް ކޯޓުގައެވެ.
ޔައުގޫބްގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ވަކީލް އައްސަދު ޝަރީފާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
އެމައްސަލައިގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައި ވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެހެން ނަމަވެސް ޔައުގޫބްގެ ފަރާތުން ވަކީލުން ބުނެފައިވަނީ ގާނޫނުއަސާސީގެ 73 (ރ)ގައި ބުނެފައި ވަނީ ކަމެއް ކޮށްގެން ނުވާނޭ ކަމަށް ކަމަށާއި، އެހެން ނަމަވެސް (ނ) ގައި ބުނެފައިވަނީ ކަމެއް ކުރުމުން މަގާމު ގެއްލޭނެ ކަމަށާއި އެހެން ކަމުން (ރ) ގައި ބުނެފައިވާ ފަދަ ކަމެއް ކުރުމުން މަގާމު ގެއްލޭނެކަން ބަޔާންކޮށްފައި ނުވާތީ ޔައުގޫބްގެ މެމްބަރުކަން ނުގެއްލޭކަމަށެވެ.
މިއަދު ބޭއްވި މިމައްސަލައިގެ ހުކުމް ކުރުމުގެ ޝަރީޢަތުގައި، ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލްގެ މެމްބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 8 ގައި ބަޔާންކުރާފަދަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ހަމަ އެއަކުރުގެ 3 ގައި ބަޔާންކުރާފަދަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް ކަމަށް ބަލާނޭ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.