ދުނިޔެ

އަނބިމީހާ ދަރިމައިވުމުގެ މައްސަލަތައް ހުރުމާއެކު ދަރިފުޅުގެ ސަރޮގެސީއަކަށް މަންމަ

ދެން އެމްވީ ، ދެން އޮންލައިން

ސަރޮގޭޓް ނުވަތަ ސަރޮގަސީއަކީ މިހާރު ވަރަށް ގިނައިން އިވޭ ދެބަހެވެ. މި ބަހަށް ހެދިފައިވާ ދިވެހި ބަހެއް ނެތްނަމަވެސް، މާނަ އަކީ، މީހެއްގެ ދަރިއުފައްދާ ބިސް، ޣަރުބަ ގަތުމަށް މަހު އެހެން މީހެއްގެ ރަހިމަށް ލައްވައިގެން ވިއްސުން ނުވަތަ އަމިއްލަ ބިސް އެހެން މީހެއްގެ ދަރިފަންޏާއި އެކު ޣަރުބަގަތުމުން އެމީހެއްގެ ރަހިމަށް ލައްވައިގެން ވިހެއުމެވެ.

Ads by Sosun Fihaara

މިއީ މާބަނޑު ދުވަސްވަރު އެކި މައްސަލަތައް ދިމާވާ މީހުންނާއި ވިހެއުމުގައި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ފަދަ މީހުނަށްޓަކައި ޑޮކްޓަރުން އިރުޝާދުދޭ ފަރުވާއެކެވެ. ނަމަވެސް މިހާރު މިކަން އާންމުވެ، ކައިވެނި ކުރުމަކާ ނުލާ ދަރިން ހޯދަން ބޭނުންވާ ފިރިހެނުންނާއި، ހަށިގަނޑަށް ބަދަލެއް އަތުވެދާނެތީ ޖެހިލުންވާ އަންހެނުންވެސް، މީހުންނަށް ފައިސާ ދީގެން މިގޮތަށް ދަރިން ވިއްސައެވެ. ސިއްޙީ އެއްވެސް މައްސަލައެއް ނެތިވެސް މިކަން ކުރާ މީހުން މިހާރު ވަރަށް ގިނައެވެ. މިގޮތަށް ސަރޮގޭޓެއް ހޯދުމުގައި އާއިލާގެ މީހަކު ނުވަތަ ފައިސާ ދީގެން ނުދަންނަ މީހުން ލައްވާ މިކަން ކުރުވާ މީހުން ގިނައެވެ.

އެމެރިކާގެ އާކަންސަސްގެ ދެމަފިރިން ކަމަށްވާ ކޭލާ އަދި ކޯޑީ 2012 ވަނަ އަހަރު ކައިވެނި ކުރި އިރުވެސް އެދެމަފިރިން ތިބީ ކުއްޖަކު ހޯދުމަށް ތައްޔާރުވެގެންނެވެ. ނަމަވެސް އުމުރުން 17 އަހަރުގައި ކޭލާއަށް ދިމާވި ސިއްޙީ މައްސަލައެއްގެ ސަބަބުން، ކޭލާއަށް ކުދިން ނުވިހެވޭނެކަން އެންމެ ކުރިންވެސް އެނގެއެވެ. އެހެންކަމުން ކައިވެނި ކުރުމާއި އެކު ދެމީހުން އަވަސްވެގަތީ އެދެމީހުންގެ ދަރިއަކު ދުނިޔެއަށް އުފަން ކުރުމުގައި އެމީހުންނަށް އެހީތެރިވެދޭނެ މީހަކު ހޯދުމަށެވެ. ނުވަތަ ސަރޮގޭޓެއް ހޯދުމަށެވެ.

އެކިގޮތްގޮތުން ކުރި މަސައްކަތް ނާކާމިޔާބުވެ، ކޯޑީގެ ދެމަފިރިން މާޔޫސްކަމުގައި ތިއްބާ މިކަމަށް އިސްނެގީ، ކޯޑީގެ މަންމަ އަދި ކޭލާގެ މައިދައިތަ، އުމުރުން 50 ގެ ޕެޓީއެވެ.

ޕެޓީގެ ފިރިހެން ދަރިފުޅަށް މިކަމުގައި އެހީވާން އޭނާ އަމިއްލައަށް ހުށައެޅުމުން، އޭނާގެ ޅީދަރިފުޅަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ. ސަބަބަކީ ޕެޓީ އަކީ އެދެމީހުންނަށް ލިބޭނެ ދަރިފުޅުގެ މާމަކަމަށްވެފައި، ވަގުތީ ގޮތުން ނަމަވެސް އެކުއްޖާގެ މަންމައަށް ވުމަށް ޕެޓީ ތައްޔާރު ވުމުންނެވެ. މިއީ މާމަ ދަރިއަކު ވިހެއުމަށް މިގޮތަށް މާމައަކު އެހީވާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް މިގޮތަށް މާމައިން ކަންތައް ކޮށްފައި އެބަހުއްޓެވެ.

ޕެޓީގެ މެޑިކަލް ޓެސްޓްތައް ހެދުމަށްފަހު، ދަރިއަކު ވިހެއުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ޑޮކްޓަރުން ލަފާ ދިނުމުން، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ކޯޑީގެ ދަރިފަނި އަދި ކޭލާގެ ބިސް، އައިވީއެފް ގެ ޒަރީޢާއިން ޣަރުބަ ގަތުމުން ޕެޓީގެ ރަހިމަށް ލެއްވިއެވެ. އެފަހަރު އެކަން ކާމިޔާބު ނުވެ، އަލުން އައިވީއެފް ހަދައިގެން މޭ 2017 ގައި ޕެޓީގެ ރަހިމަށް ލެއްވިއެވެ. އަދި ހުރިހާ ކަމެއް ރަނގަޅަަށް ދޭތޯ ބެލުމަށް ކޭލާ އާއި ކޯޑީ، ގޭގައި މާބަނޑުތޯ ބަލަން ކުރާ ޓެސްޓް ވެސް ކުރިއެވެ.

އެދެމަފިރިން ފާހަގަ ކުރާ ގޮތުގައި، އެއީ އެ މީހުންގެ ހަޔާތުގައި ދެވަނަ އަށް އެންމެ އުފާވި ދުވަހެވެ.
މާބަނޑުވުމުގެ ހުރިހާ ކަމެއް ރަނގަޅަށް ގޮސް 2017 ޑިސެމްބަރުމަހު 30 ވަނަ ދުވަހު ކޭލާގެ ދަރިފުޅު އުފަންވިއެވެ.

ޕެޓީ ހާމަ ކުރިގޮތުގައި، އޭނާގެ މާމަ ދަރިފުޅު އޭނާގެ ރަހިމުގައި ބާއްވައިގެން ބޮޑު ވުމުން ވިހެއުމަކީ، އޭނާއަށް ވަރަށް ޚާއްސަ އުފަލެއް ލިބުނު ކަމެކެވެ. މި ދަތުރަކީ ކުލުނާއި މައިވަންތަކަމުން ފުރިފައިވާ ދަތުރެއްގެ ގޮތުގައި ޕެޓީ ސިފަކުރިއެވެ. ޕެޓީ ބުނެފައިވާ ގޮތުގައި އޭނާއަށް އިޙްސާސްވީ އަދި އެއްފަހަރު އޭނާގެ ފިރިހެން ދަރިފުޅު ދުނިޔެއަށް އުފަން ކުރެވުނީ ކަމަށެވެ. ޕެޓީ އިތުރަށް ހާމަ ކުރި ގޮތުގައި ކޮންމެ މަންމަ އަކީ ވެސް ދަރިންނަށް ޖެހޭ ދަތިއުނދަގޫ ކަންކަމުގައި މުޅި އުމުރު އެހީވުމަށް ތައްޔާރަށް ތިބޭ ބައެކެވެ. އެހެން ކަމުން މިއީ އޭނާގެ ފިރިހެން ދަރިފުޅާއި، ޅީދަރިފުޅަށް އެހީވާން ލިބުނު ވަރަށް ޚާއްސަ ފުރުސަތެކެވެ.
ލިބުނު ދަރިފުޅު ކްރޮސްގެ ހާލުވެސް ރަނގަޅުވެ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ގެއަށް ބަދަލު ކުރެވުނެވެ. މުޅި އާއިލާއަށް ލިބުނު މި ބޮޑު އުފަލުގައި ކޭލާގެ ޢާއިލާގެ ފަރާތުން ވަރަށް ޚާއްޞަ ޝުކުރެއް، ކޭލާގެ މައިދައިތަ ޕެޓީއަށް އަދާ ކުރިއެވެ. ކޯޑީއާއި ކޭލާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހަކީ އެމީހުންގެ ދަރިފުޅު ކްރޮސް އުފަންވި ދުވަހެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!