ޚަބަރު

ހައްމާދަށް ހަމަލާދިން އާސިފްގެ ބަންދަށް 10 ދުވަސް

ދެން އެމްވީ ، ދެން އޮންލައިން

ދިނީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ލަނޑާ ނަގާ ދޯންޏެއްގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިން އިސްމާއިލް އާސިފްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

Ads by Sosun Fihaara

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އއ. މާޅޮސް ބޭރުގައި އޮތް "ޖަރީ" ނަމަކަށް ކިޔާ ލަނޑާ ދޯނީގައި އުމުރުން 26 އަހަރުގެ އިސްމާއީލް ހައްމާދަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި މިދިޔަ މަހު 23 ވަނަ ދުވަހު ހައްޔަރު ކުރީ އުމުރުން 30 އަހަރުގެ އިސްމާއިލް އާސިފެވެ.

އާސިފުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކުރީ އިއްޔެ އެވެ. އޭނާއަށް ތުހުމަތުކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 (ށ) އަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ. އޭގެ އިތުރުން އިސްމާއިލް އާސިފަކީ، ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުންދާ މީހެއްކަމަށް ބުނާތީވެ އެކަންތައް ބެލުމަށްވެސް އެ އަމުރުގައި ބުނެފައިވެެއެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ވިދާޅުވީ، ހައްމާދަށް ހަމާލާ ދިން ވަގުތު ދޯނީގައި ހައްމާދާއެކު އިތުރު ދެމީހަކު ތިބި ކަމަށެވެ. ހައްމާދަށް ހަމާލާ ދިނީ އިސްމާއިލް އާސިފް ކަމަށާއި އަނެއް މީހާ އޮތީ ނިދާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހައްމާދަށް ހަަމާލާ ދިން ކަމަށް މުއްދަތު މަޖިލީހެއްގައި އިސްމާއިލް އާސިފް އިއުތިރާފުވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!