ޚަބަރު

ޕެންޝަން ފަންޑުގައި އަތްލާން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން: ފައްޔާޒު

ދެން އެމްވީ ، ދެން އޮންލައިން

ޕެންޝަން ފަންޑުގައި އަތްލާން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އަކީ ކުރިއަށް ނެގޭ އެއްޗެއް ނޫން ކަމަށާއި ރާއްޖޭގައި މިހާރު އޮތީ ޕްރޮވިޑެންޓު ފަންޑެއް ނޫން ކަމަށެވެ. ރާއްޖޭގައި ކުރިން ޕްރޮވިޑެންޓު ފަންޑެއް އޮތްއިރު ބޮޑު ކަމެއް ޖެހިއްޖެނަމަ އޭގެއިން ފައިސާ ނެގޭ ގޮތް އޮތީ ހަމަޖައްސާފައެވެ.

އެފަންޑު ޕެންޝަން ފަންޑަކަށް މިހާރު ބަދަލުކޮށްފައިވާއިރު، ފައްޔާޒު ވިދާޅުވީ ކޮންމެ ފަހަރަކު ކަމެއް ޖެހޭއިރަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ނެގުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރަން ބޭނުންވާނަމަ ކުރިއަށް އޮތް ތަނުގައި ޕްރޮވިޑެންޓް ފަންޑެއް ހަދަންވީ ކަމަށެވެ.

"ޕެންޝަން ފަންޑަކީީ ކޮންމެ ފަހަރަކު ކަމެއް ދިމާވާއިރަށް އަތްލާން އޮންނަ އެއްޗެއް ނޫން، އެއީ އެއަށް ވުރެ މާ ފުޅާ އެއްޗެއް" ފައްޔާޒު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ހުރިހާ ފަރާތްތަކަކަށް ވެސް ޕެންޝަން ފަންޑެއްގެ މުހިއްމު ކަމާއި އެއަށް ޖަމާކުރާ ފައިސާގެ މުހިއްމުކަން އެނގެންޖެހޭ ކަމަށާއި މިހާރުވެސް ޕެންޝަން ފަންޑު މެދުވެރިކޮށް 65 އަހަރުން މަތީގެ ފަރާތްތަކަށް އިނާޔަތް ދެވެމުންދާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ނެތް ޕެންޝަން ފަންޑުގައި ހުރި ފައިސާ، ރިލީފް ޕެކޭޖުގެ ތެރެއިިން ރައްޔިތުންނަށް ދިނުމަކަށް. އެހެން ގޮތްގޮތުން ރައްޔިތުންނަށް ދޭންޖެހޭ ލުއިތަކެއް ހޯދައިދިނުން، އެއީ ވިސްނުމަކީ" އަމީރު ވިދާޅުވިއެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާ މިހާރު ބޭނުން ކުރުމަށް ވިސްނުމަކީ އެހާ ބުއްދިވެރި ކަމެއް ނޫން ކަމަށާއި އެ ފައިސާ އަކީ ފަހަށް ރައްކާކުރާ ފައިސާތަކެއް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!