ޚަބަރު

އިގްތިސާދު ހުޅުވަން ޓާސްކް ފޯހެއް އުފައްދަނީ

ދެން އެމްވީ

ކޮވިޑް-19 އަރައިގަނެ ރާއްޖޭގެ އިގްތިސާދު ހުޅުވައި ނިއު ނޯމަލްއަކަށް ދިޔުމަށް މަސައްކަތް ކުރުމަށް ޓާސްކް ފޯހެއް ރައީސް އުފައްދަވައި މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ނަމުގައި ރައީސް ޓާސްކް ފޯސް އުފެއްދެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

އެ ޓާސްކް ފޯހުގެ ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމާއި އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކާއި، އަދި މިދަތިތަކާ ގުޅިގެން އިޖްތިމާއީ ގޮތުން ދިމާވަމުންދާ އަދި ކުރިއަށް އޮތްތަނުގައި އަތުވެދާނެ އެކި އެކި މައްސަލަތަކަށް ފާރަވެރިވެ، ހައްލުތަކެއް ހޯދުމަށް ގައުމީ ފެންވަރުގައި ކުރާނެ މަސައްކަތްތައް ރޭވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މި ޓާސްކްފޯސްގެ މައިގަނޑު މަގްސަދަކީ މިހާރު ދިމާވެފައިވާ ހާލަތުން، އިގްތިސާދީ އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އަދި އިގްތިސާދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ހިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. ސަރުކާރުގެ ވިސްނުމަކީ މި މަސައްކަތަކީ ސަރުކާރާ، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި ހެދުމެވެ،" ރައީސް އޮފީހުން ބުންޏެވެ.

ނޭޝަނަލް ޓާސްކްފޯސް ހިނގާނީ ސީދާ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ޓާސްކްފޯސްގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތިން މަސައްކަތުގެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ؛

• ވާކިންގް ގްރޫޕް އޮން ފައިނޭންސް
• ވާކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ
• ވާކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރީ

ފައިނޭންސް ވާކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓު އަލުން އެކުލަވާލުމާ ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ހަރަދުތައް އަންދާޒާކޮށް، އާމްދަނީ އަށް އަންނާނެ ބަދަލުތައް ދެނެގަތުމެވެ. މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ބަޖެޓު ހިންގުމަށް ބޭނުންވާނެ ފައިސާގެ މިންވަރުތައް ދެނެގަނެ، އެ ފައިސާ ހޯދުމަށް، ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ސަރުކާރުގެ ބޭރުގެ ދަރަނި އަދާކުރުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސް ލުއި ގޮތްތަކެއް ހޯދުމަކީ ވެސް އެ ގްރޫޕްގެ މަގުސަދެކެވެ. ފައިނޭންސް ވާކިންގް ގްރޫޕްގެ މަސައްކަތް ބެހިގެންދާނީ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ މައްޗަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އިކޮނިމިކް ރިކަވަރީ ވާކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ އިގްތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި އަމިއްލަގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު، މިފަދަ ވިޔަފާރިތަކަށް ރިލީފް ޕެކޭޖުތަކެއް ޑިޒަންކޮށް ފޯރުކޮށްދިނުމެވެ. އަދި މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ތައާރަފްކޮށް ހިންގާނީ އެ މަސައްކަތު ގުރޫޕްގެ ޒިންމާ އެކެވެ. ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބެނިފިޓް ސްކީމުތައް ހިންގުމާއެކު މެދު ރާސްތާގައި ދިވެހިންނަށް ވަޒީފާގެ ބާޒާރުން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަން ނިންމާ އެވެ. ރާއްޖޭގެ އިގްތިސާދުގެ ބިންގާ ފުޅާ ކުރުމަށް ކުރެވިދާނެ އިތުރު އިގްތިސާދީ ހަރަކާތްތައް ދެނެ ގަނެ، ކުރިއަށްގެންދިއުމަށް ފަހި މާހައުލެއް ގާއިމުކޮށްދޭނެ އެވެ. އަދި ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން، ހާލަތު ތަންދޭކަމުގައިވާނަމަ، ފަތުރުވެރިކަމާ އަދި އެހެނިހެން ދާއިރާތައް ހުޅުވާލުމުގައި ވިސްނަންޖެހޭނެ ކަންކަމާ، ނިންމަންޖެހޭ ނިންމުންތައް ނިންމާ އެފަދަ ހިސާބަކަށް ދިއުމަށް ހަދަން ޖެހޭ ޕްލޭންތައް ހަދާ، އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރާނީ ވެސް އިކޮނިމިކް ރިކަވަރީ ވާކިންގް ގްރޫޕުންނެވެ.

ސޯޝަލް ސެކްޓާ ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ ގެއްލުމާ، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާ އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާ އަދި ގެވެށި އަނިޔާއިން ސަލާމަތް ވުމަށާ ކުޑަ ކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާރވިސަސް ގެ ހަރަކާތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާ، އެފަރާތްތަކުގެ ތެރެއިން އަނބުރާ ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހައްލުތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ވާކިންގް ގްރޫޕްތަކުގެ މަސައްކަތްތައް މިހާރުވެސް ވަނީ ފެށިފަ އެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ޓާސްކްފޯސްގެ ތެރެއިން މި މަސައްކަތްތަކުގައި ކަމާގުޅޭ އިތުރު ފަރާތްތަކުގެ ބައިވެރިވުން ހިމަނާ، ފުރިހަމަ ގޮތުގައި ވިލަރެސް ކުރެވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!