ޚަބަރު

ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އެލަވެންސް ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިުގައި މަސައްކަތްކުރާ ސިއްހީ ފަރާތްތަކަށް އެލަވެންސެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަތަކަށް ގެނައި ބަދަލުތަކުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށާއި އަދި މިކަމުގައި ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އެލަވެންސެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ހައި ރިސްކު ފަރާތްތައް ކަމަށް އަމީރު ވިދާޅުވިއެވެ. އެ ފަރާތްތަކަކީ ކޮވިޑަށް ފައްސިނުވާ ނުވަތަ ބަލި ހުރެދާނެ ހައި ރިސްކު ފަރާތްތަކާއި ގާތުން ދިމާވެދާނެ ފަރާތްތައް ކަމަށާއި އޭގެތެރޭގައި މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓް ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، ބައްޔަށް ފައްސިވާ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި އުޅަނދުތަކުގައި ތިބޭ ފަރާތްތަކުންނާއި، ބައްޔަށް ފައްސި ވެފައިވާ މީހުންގެ ވޯޑަށް ވަންނަ ފަރާތްތަކާއި، ޓްރެވެލް ކްލިނިކުތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 500 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ދެވަނަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތްކުރާ މީޑިއަމް ރިސްކު ފަރާތްތައް ކަމަށާއި މީގެތެރޭގައި ހިމެނެނީ ބައްޔަށް ފައްސިވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭންނުޖެހުނު ނަމަވެސް ހައި ރިސްކު ފަރާތްތަކާއި އެކު މަސައްކަތް ކުރާ ފަރާތްތައް ކަމަށް އަމީރު ވިދާޅުވިއެވެ. އެފަދަ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާގެ އެލަވެންސެއް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ތިންވަނަ ގިންތީގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިނުގައި މަސައްކަތްކުރާ ލޯ ރިސްކު ފަރާތްތައް ކަމަށާއި އެއީ ފުރަތަމަ ދެ ކެޓެގަރީ އަށް ނުފެތޭ ނަމަވެސް އެންއީއޯސީގައި ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ ފަރާތްތައް ކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!