އާ ޕްރޮޖެކްޝަންގައި މަރުވާނެ ކަމަށް ބެލެވެނީ 100 މީހުން: ޑރ. ޝީނާ
އަލަށް ހެދި ޕްރޮޖެކްޝަންގައި ކޮވިޑް ޖެހިގެން މަރުވާނެ ކަމަށް ބެލެވެނީ 100 މީހުން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ އެންމެ ފުރަތަމަ ޕްރޮޖެކްޓް ކުރީ 2000 މީހުން މަރުވާނެ ކަމަށް ކަމަށާއި ނަމަވެސް އަލަށް ހެދި ޕްރޮޖެކްޝަންގައި 100 މީހުން މަރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ޕީކަށް ފަހު ކާވް ދާނީ ދަށަށް. އޭގެ މާނައަކީ ޕީކްގެ ފަހުން ވެސް ބަލި އުޅެނީއޭ. ބެލެވޭ ގޮތުގައި ޖުލައިއާ ހަމައަށް ދެމިގެންދާނެ. އެކަމަކު ގޭބިސީތަކުން ފެންނަ އަދަދު ދަށްކުރެވިއްޖިއްޔާ ކާވް ވަރަށް ބޮޑަށް ދަށް ކުރެވިދާނެ." ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ ކުރިއަށް ދެ ތިން ހަފްތާގެ ތެރޭގައި ފުދޭވަރަކަށް ވަރަށް ބޮޑު ސާޖެއް ފެނުމަކީ އެކަށީގެންވާ ކަމަށެވެ.
"77،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ. މިއީ ޕީކްގެ ތެރޭގައި އަޅުގަނޑުމެން ޕްރޮޖެކްޓް ކުރާ ގޮތް. ޕީކް 14 ދުވަހުގެ ތެރޭގައި، އެއީ މެއި 15 އިން 30 މެއިގެ ނިޔަލަށް ޕީކް ކަމަށް މި ބަލަނީ 6804 މީހުންނަށް ބަލި ޖެހޭނެ ކަމަށް." ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށާއި މުޅި ޖުމްލަ މި ބަލީގައި ޖުމްލަ 13،568 މީހުން އެޑްމިޓް ކުރާނެ ކަމަށެވެ.
އަދި ޕީކްގައި 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހިދާނެ ކަމަށާއި މި ބަލީގައި ޖުމްލަ 5805 މީހުން އެޑްމިޓް ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޑރ. ޝީނާ ވިދާޅުވިއެވެ.